ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

2028 ވަނަ އަހަރު އިގްތިސާދު ދެގުނަ ކުރެވޭނެ: ރައީސް

މިސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކާއި ރާއްޖޭގެ އިގްތިސާދަށް ގެންނަ ބަދަލުތަކާ އެކު 2028 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ އިގްތިސާދު ދެގުނަ ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު މިއަދު ރަސްމީކޮށް އިފްތިތާހުކޮށްދެއްވާ ދެއްކެވި ވާހަަކަފުޅުގައި ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން މިހާރު އަޅުއްވާ ފިޔަވަޅުތަކާއި ނިންމަވާ ނިންމެވުންތަކާ ގުޅިގެން ރާއްޖޭގެ އިގްތިސާދު "ވަރުހުރި" އިގްތިސާދަކަށް ހެދޭނެ ކަމަށެވެ.

ރާއްޖޭގެ އިގްތިސާދު ދެގުނަ ކުރުމަކީ ހޯދޭނެ ބޮޑު ކާމިޔާބެއްގެ ގޮތުގައިވެސް ރައީސް ސިފަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ދެގުނަކުރުމުން އުފެއްދުންތެރިކަން ހުންނާނީ 177 ބިލިއަން ރުފިޔާގައި ކަމަށެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ރާއްޖޭގެ އުފެއްދުންތެރި ކަމަކީ 82 ބިލިއަން ރުފިޔާ ކަމަށްވެސް ފާހަގަކުރެއްވި އެވެ.

އައްޑޫ ރާއްޖޭގެ އިގްތިސާދުގައި އެންމެ މުހިއްމު ސަރަހައްދު ކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ. އެގޮތުން އައްޑޫ ބިން ހިއްކުމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ މިއަދު މިއޮތީ އެ ވާހަކަތަކުގެ ހެކި ފެންނަން ކަމަށެވެ.

"މިއަދަކީ ތަރައްގީގެ ހެޔޮ ފާހަގަ ފެށޭ އަދި އައްޑޫ ސިޓީގެ މިބިމަށް ތަރައްގީގެ ހެޔޮ ބަދަލުތައް އަމަލީ ގޮތުން އައުމުގެ ދުވަސް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް ކުރިއެރުމާއި ތަރައްގީ ގެނެސް ރައްޔިތުން ބޭނުންވާ ޖަޒީރާ ދިރިއުޅުން ހޯދައިދެވޭނީ މުޅި ރާއްޖެ އެކީގައި ތަރައްގީކޮށްގެން ކަމަށެވެ. އެ މަސައްކަތް މިސަރުކާރުން ކުރާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށްވެސް ރަށްތަކަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް މިހާރު ދަނީ ހިނގަމުން ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ދިވެހި ރައްޔިތުން ބޭނުންވާ ހެޔޮ ބަދަލުތައް އެމަނިކުފާނުގެ ވެރިިކަމެއްގައި ރައްޔިތުންނަށް ހޯދައިދޭނެ ކަމަށެވެ.