ޗާގޯސް އާކިޕެލާގޯ

އިންޑިއާ އައުޓް ބެނާ ދެމީ ސަރުކާރުން: ޕީޕީއެމް، ދަ ޑިމޮކްރެޓްސް

ރާއްޖޭގެ ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދުން ރޭ ބޭއްވި ޖަލްސާއަށް "އިންޑިއާ އައުޓް" ޖެހި ބެނާތަކެއް ދީފައި ބަޔަކު ފޮނުވީ ސަރުކާރުގެ ވެރިން އަޑީގައި ތިބެގެން ކަމަށް އިއްތިހާދުގައި ހިމެނޭ ޕީޕީއެމް އާއި ދަ ޑިމޮކްރެޓްސް އިން ތުހުމަތުކޮށްފި އެވެ.

ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާ ފެށުނުތަނާހެން ޒުވާނުންތަކެއް ވަނީ "އިންޑިއާ އައުޓް" ޖަހާފައިވާ ބެނާއެއް އެންމެންނަށް ފެންނާނެހެން ދައްކާލާފަ އެވެ.

މިއަމަލު ކުށްވެރިކޮށް ދަ ޑިމޮކްރެޓްސް އިންނާއި ޕީޕީއެމް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިންޑިއާ އައުޓް ޓީޝަޓް ލައިގެން ތިބި ބަޔަކު ވަދެ އިންޑިއާ އައުޓް ބެނައެއް ދައްކާލި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

ދެ ޕާޓީން ވަކިވަކިން ނެރުނު ބަޔާނުގައި ތުހުމަތުކޮށްފައިވަނީ ސަރުކާރުގެ ވެރިން އަޑީގައި ތިބެގެން ކުރި އެކަމަކީ ޖަލްސާގެ މިސްރާބު ބައްދަލުކޮށްލުމަށް ހިންގާފައިވާ ފިނޑި އަދި ނާތަހުޒީބު އަމަލެއް ކަމަށެވެ.

"އެކަން ކޮށްފައިވަނީ ސަރުކާރުން ފަންޑްކޮށްގެން ފޮނުވި ބައެކެވެ. ޖަލްސާގެ ކުރިން އެފަދަ ކަމެއް ސަރުކާރުގެ ފަރާތުން ރާވަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާތީ، އެފަދަ ކަމެއް ހިނގައިފިނަމަ ސުލްހަވެރިކަމާއެކު އެކަން ކުރާ ބަޔަކު ޖަލްސާއިން ނެރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ޖަލްސާ އިންތިޒާމުކުރި ފަރާތުން ތިބީ ތައްޔާރަށެވެ،" ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.

ދަ ޑިމޮކްރެޓްސްގެ ބަޔާނުގައި ބުނެފައިވަނީ އިންޑިއާ އައުޓް ބެނާ ޖަލްސާގައި ބަޔަކު ދައްކާލީ އެޖަލްސާގެ ބައިވެރިންނަކީ ރާއްޖޭގެ އެކުވެރި ގައުމުތަކާ ދެކޮޅު ބައެއް ކަމަށް ދެއްކުމުގެ ބޭނުމުގައި ކަމަށެވެ. އެއީ ހަޑިހުތުރު އަމަލެއް ކަމަށް ފާހަަގަކޮށް ދަ ޑިމޮކްރެޓްސްގެ ބަޔާނުގައި ބުނެފައިވަނީ ދަ ޑިކޮމްރެޓްސް އަކީ އެއްވެސް ގައުމަކާ ދެކޮޅު ބައެއް ނޫން ކަމަށެވެ.