އައްޑޫ ސިޓީ

އައްޑޫ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ފަށައިފި

އައްޑޫ ރައްޔިތުންގެ އުއްމީދާ ގުޅިފައިވާ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު މިއަދު ރަސްމީކޮށް ފަށައިފި އެވެ.

އައްޑޫ މަރަދޫގައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިމަޝްރޫއު ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

އައްޑޫ ބިން ހިއްކުމަށް ނެދަލޭންޑްސްގެ ވެން އޫޑް ޑްރެޖިންއާ އެކު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ މާޗް 27 ވަނަ ދުވަހު އެވެ. މަސައްކަތް ހަވާލުކުރީ މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއާއި ހިއްކާ ސަރަހައްދު ހިމާޔަތް ކުރުމަށް 1.5 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވެ އެވެ. މިމަޝްރޫއުގެ ދަށުން 194.3 ހެކްޓަރުގެ ބިން ހިއްކާ އަދި 11 ކިލޯމީޓަރު ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރުމަށް ހަމަޖެހިފައިވެ އެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އިންޑިއާގެ އެގްޒިން ބޭންކުން ހަމަޖައްސާފައިވާ 800 މިލައިން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ތެރެއިންނެވެ.

އައްޑޫ ބިން ހިއްކުމަށް ރޭވިފައިވާ ގޮތް:

  • ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކުން
  • ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުން
  • ހުޅުމީދޫ ކައިރީގައި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ދެ ރަށް ހިއްކުން
  • މަރަދޫ / މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކުން
  • މަރަދޫ / މަރަދޫފޭދޫ ފަޅުތެރޭގައި ޓޫރިޒަމަށް ހާއްސަކޮށްގެން 8.3 ހެކްޓަރުގެ ދެ ރަށް އަދި 3.3 ހެކްޓަރުގެ ދެ ރަށް ހިއކްުން
  • ޓޫރިޒަމަށް ހާއްސަކޮށްގެން 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކުން

މިމަޝްރޫއުގެ ތެރެއިން ބިން ހިއްކާ ރަށްތައް ގުޅުވާލުމަށްޓަކައި ލިންކް ރޯޑުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ އެވެ. ހަތަރު ލޭނުގެ ލިންކް ރޯޑުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރުވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އައްޑޫ ބިން ހިއްކުން ފައްޓަވައިދެއްވުމަށްފަހު ރައީސް ސޯލިހް ވިދާޅުވީ ބިން ހިއްކުމުގެ ބިޔަ މަޝްރޫއާ އެކު އެ ސިޓީއަކީ ދުނިޔެއަށް ހުޅުވާލެވިފައިވާ ވަރުގަދަ ސިޓީއެއްގެ ގޮތުގައި ތަރައްޣިކުރުމުގެ ޢާމަލީ މަސައްކަތް ފެށުނީ ކަމަށެވެ.

"އައްޑޫ ސިޓީއަކީ ދުނިޔެއަށް ހުޅުވާލެވިފައިވާ ވަރުގަދަ ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަކީ މީގެ ކުރިން ހަމައެކަނި ދެކެވުނު ވާހަކަތަކެއް. ނަމަވެސް މިހާރު ބިން އިތުރުކުރުމުގެ މި ބިޔަ މަޝްރޫއާ އެކު ތަރައްގީގެ ހެޔޮބަދަލު އައްޑޫ ސިޓީގައި އަމަލީގޮތުން ފެށުނީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޖުމްލަ 1.5 ބިލިއަން ރުފިޔާ ހަރަދުކުރާ އައްޑޫސިޓީގެ ބިން އިތުރުކުރުމުގެ ބިޔަ މަޝްރޫއުގެ ދަށުން އައްޑޫ ސިޓީއަށް 190 ހެކްޓަރުގެ ބިން އިތުރުކުރެވިގެންދާނެ ކަމަށެވެ. ހަމަ އެއާއެކު އިތުރު މަޝްރޫއެއްގެ ދަށުން 42 ހެކްޓަރު ބިން ހުޅުމީދޫއަށް އިތުރުކުރުމަށް 179 މިލިއަން ރުފިޔާގެ މަޝްރޫއެއް ހިންގާނެ ކަމަށެވެ.