ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހަންކެޑެ ދެ އަހަރު ތެރޭގައި ނިމޭނެ: ރައީސް

އައްޑޫ ސިޓީގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ހަންކެޑެ މަޝްރޫއު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ހަންކެޑެ އަކީ ޓޫރިޒަމް ތަރައްގީކުރަން ކަނޑައަޅާފައިވާ ސަރަހައްދެއްގެ ގޮތުގައި ރައީސް ސޯލިހުގެ ހާއްސަ ގަރާރަކުން ކަނޑައެޅުއްވީ ޑިސެމްބަރު 2، 2021 ގައެވެ. ސަރުކާރުގެ އިންޓަގްރޭޓަޑް ޓޫރިޒަމް މޮޑެލްގެ ދަށުން ހަންކެޑެ ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައި ވަނީ ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ފަންޑު މެނޭޖްމެންޓް ކޯޕަރޭޝަނަށެވެ.

ހަންކެޑެ ތަރައްގީކުރުމަށް ފައިސާ ހަމަޖެހިފައިވާ ކަން އިއުލާންކޮށް އެ ރަށް ތަރައްގީކުރުމުން އޮންނާނެ ގޮތުގެ ކުރެހުންތައް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ހާމަކުރީ މިއަހަރުގެ ޖެނުއަރީ 27 ވަނަ ދުވަހު އެވެ.

ރައީސް ސޯލިހް މިއަދު ވިދާޅުވީ އައްޑޫސިޓީގެ ބިން އިތުރުކުރުމުގެ މަޝްރޫއާ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ދަނީ ހަންކެޑެ ތަރައްގީކޮށް ނިމޭއިރު އެތަނާ ގުޅޭ ޕްލޭނާވެސް އެއްގޮތަށް ކަމަށެވެ.

ހަންކެޑެ މަޝްރޫއަކީ އިންޓަގްރޭޓެޑް ރިޒޯޓް، ހޮޓާ، ގެސްޓް ހައުސް ހިމެނޭ ވަށާޖެހޭ މަޝްރޫއެއް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ހަންކެޑެ މަޝްރޫއާ އަދި މިހާރު ރޭވިފައިވާ ހުރިހާ މަޝްރޫއުތަކެއް ނިމޭއިރު އައްޑޫގައި 7000 ޓޫރިސްޓް އެނދު އޮޕަރޭޓް ކުރެވިގެންދާނެ ކަމަށެވެ.

ހަންކެޑެ އަކީ މަރަދޫއާއި ގުޅިފައިވާ ރަށަކަށްވީ ނަމަވެސް ސަރުކާރުން ނިންމާފައިވަނީ މަރަދޫގެ އިތުރުން ހަންކެޑެ އާއި ގުޅިފައިވާ ގައުކެނޑިވެސް ހަންކެޑެއާއި ވަކިކޮށްލުމަށްފަހު އެ ރަށް ތަރައްގީކުރާށެވެ. މިމަސައްކަތަށް އައްޑޫ ލިންކް ރޯޑަށްވެސް ބަދަލުތަކެއް ގެންނަންޖެހޭތީ ތިލަމާލެ ބްރިޖް އަޅާ އިންޑިއާގެ އެފްކޮންސް ކުންފުނިން ގެންދަނީ އެ މަސައްކަތް ކުރަމުންނެވެ. އެފްކޮންސް އަކީ އައްޑޫގެ މަގުތައް ވެސް ތާރުއަޅައިގެން ހަދަމުންދާ ކުންފުންޏެވެ.

މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން މީގެކުރިން ބުނީ ހަންކެޑެ މަޝްރޫއު ނިމުމުން އެކި ވައްތަރުގެ 1،041 ކޮޓަރި ހުންނާނެ ކަމަށާއި މިމަޝްރޫއާ އެކު އައްޑޫ ރައްޔިތުންނަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ލިބޭނެ ކަމަށެވެ.