އައްޑޫ ސިޓީގައި ޓޫރިޒަމް ތަރައްގީކުރަން ނިންމާފައިވާ ދެ ޒޯނެއް ރަސްމީކޮށް އިފުތިތާހްކޮށްފި އެވެ.
ހިތަދޫގެ ފަޅޯދަޑިފައްނު ޓޫރިޒަމް ޒޯނާއި ފޭދޫ ދިގިހެރަ ޓޫރިޒަމް ޒޯން އިފްތިތާހުކޮށްދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި މިވަގުތު އައްޑޫގައި ހުންނެވި އިންޑިއާގެ ސަފީރު ސްރީ މުނޫ މަހާވަރަންގެ އިތުރުން އައްޑޫގެ މޭޔަރު އަލީ ނިޒާރު އެވެ.
އައްޑޫގައި ޓޫރިޒަމް ޒޯންގެ ގޮތުގައި ފަސް ސަރަހައްދެއް ތަރައްގީކުރުމަށް ނިންމާފައިވެ އެވެ. އެގޮތުން އިތުރަށް ހިމެނެނީ ހިތަދޫ މާމެން ބީޗް ޓޫރިޒަމް ޒޯނާއި، ކޯގަންނު ބީޗް މުލިމަތި ޓޫރިޒަމް ޒޯނާއި، ހުޅުދޫ ކޭވައް ބީޗް މާފިށި ޓޫރިޒަމް ޒޯނާއި އަދި ފޭދޫ ސަވާ ބީޗް ދިގިހެރަ ޓޫރިޒަމް ޒޯނެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިއްޔެ ވިދާޅުވީ އައްޑޫސިޓީގެ ބިން އިތުރުކުރުމުގެ މަޝްރޫއާ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ދަނީ އައްޑޫގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ހަންކެޑެ ތަރައްގީކޮށް ނިމޭއިރު އެތަނާ ގުޅޭ ޕްލޭނާވެސް އެއްގޮތަށް ކަމަށެވެ.
ހަންކެޑެ މަޝްރޫއަކީ އިންޓަގްރޭޓެޑް ރިޒޯޓް، ހޮޓާ، ގެސްޓް ހައުސް ހިމެނޭ ވަށާޖެހޭ މަޝްރޫއެއް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ހަންކެޑެ މަޝްރޫއާ އަދި މިހާރު ރޭވިފައިވާ ހުރިހާ މަޝްރޫއުތަކެއް ނިމޭއިރު އައްޑޫގައި 7000 ޓޫރިސްޓް އެނދު އޮޕަރޭޓް ކުރެވިގެންދާނެ ކަމަށެވެ.
ހަންކެޑެ އަކީ މަރަދޫއާއި ގުޅިފައިވާ ރަށަކަށްވީ ނަމަވެސް ސަރުކާރުން ނިންމާފައިވަނީ މަރަދޫގެ އިތުރުން ހަންކެޑެ އާއި ގުޅިފައިވާ ގައުކެނޑިވެސް ހަންކެޑެއާއި ވަކިކޮށްލުމަށްފަހު އެ ރަށް ތަރައްގީކުރާށެވެ. މިމަސައްކަތަށް އައްޑޫ ލިންކް ރޯޑަށްވެސް ބަދަލުތަކެއް ގެންނަންޖެހޭތީ ތިލަމާލެ ބްރިޖް އަޅާ އިންޑިއާގެ އެފްކޮންސް ކުންފުނިން ގެންދަނީ އެ މަސައްކަތް ކުރަމުންނެވެ. އެފްކޮންސް އަކީ އައްޑޫގެ މަގުތައް ވެސް ތާރުއަޅައިގެން ހަދަމުންދާ ކުންފުންޏެވެ.