ގދ. ތިނަދޫ

އާބަންކޯ އިން ތިނަދޫގައި ހަދާ ޑީކޯ ޗެމްބަރު ނިމެނީ

ހުޅުމާލެ ބަލަހައްޓާ ކުންފުނި -- އާބަންކޯ އިން ގދ. ތިނަދޫގައި ހަދާ ޑީކޯ ޗެމްބަރުގެ މަސައްކަތް ނިމުމަކާ ގާތްވެއްޖެ އެވެ.

އާބަންކޯ އިން ގެންގުޅޭ ބިޔޯންޑް ހުޅުމާލެ ޕްލޭންގެ ދަށުން ހަދާ މި ޗެމްބަރަކީ އާބަންކޯގެ ސީއެސްއާރްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

މިދިޔަ މާޗު މަހު ފެށި މި މަސައްކަތް ނިމޭނެ ކަމަށް މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ނިމޭނެ ކަމަށް އާބަންކޯ އިން ލަފާކުރެ އެވެ.

އާބަންކޯ އިން ބުނީ އެ ކުންފުނީގެ މަސައްކަތުގެ ސްކޯޕް ބޮޑުކޮށް، ހުޅުމާލޭގެ އިތުރަށް ރާއްޖޭގެ އެކި ހިސާބުތަކުގައި އާބަންކޯގެ ފަރާތުން ގޯ ބިޔޯންޑް ޕްލޭނެއްގެ ދަށުން އެކި ޕްރޮޖެކްޓުތައް ހިންގަމުންދާއިރު، ތިނަދޫގެ ޕްރޮޖެކްޓަކީ އެފަދަ މަސައްކަތެއް ކަމަށެވެ.

އާބަންކޯ އިން ތިނަދޫގައި ގާއިމްކުރާ ޑީކޯ ޗެމްބަރަކީ ރާއްޖޭގައި ގާއިމުކުރެވޭ މިފަދަ ދެވަނަ ޑީކޯ ޗެމްބަރެވެ.

ހުވަދޫ އަތޮޅުގައި ޑީކޯ ޗެމްބަރެއް ގާއިމުކުރެވޭއިރު އެ އަތޮޅަކީ ރާއްޖޭގައި މަސްވެރިން އެންމެ ގިނަ އެއް އަތޮޅެވެ.

މަސްވެރިކަމުގައި އުޅޭ މީިހުން ފީނާތީ ޑީކޯވުމުގެ ފުރުސަތު ބޮޑު އިރު، މީގެ ކުރިންވެސް މިފަދަ ހާދިސާތައް އެ ސަރަހައްދުގައި ވަނީ ހިނގާފަ އެވެ. އަދި އެފަދަ ކަމެއް ދިމާވުމުން އެ ސަރަހައްދުން ފަރުވާ ހޯދޭނެ ގޮތެއް ނޯވެ އެވެ.

އާބަންކޯގެ ފަރާތުން ގާއިމްކޮށްދޭ ޑީކޯ ޗެމްބަރު ވެގެންދާނީ އެ ސަރަހައްދުގެ މަސްވެރިންނަށް ލިބޭ ބޮޑު ލުއި ފަސޭހަ އަކަށެވެ.