ދަ ޑިމޮކްރެޓްސްއަށް ސޮއިކުރާ މެންބަރުންނަށް ސަރުކާރުން އަދި އެމްޑީޕީންވެސް ބިރު ނުދައްކާ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވެއްޖެ އެވެ.
ދަ ޑިމޮކްރެޓްސްއަށް ސޮއިކުރާ މެންބަރުންނަށް ސަރުކާރުން ގުޅައި ބިރު ދައްކާ ކަމަށް އެ ޕާޓީން ތުހުމަތުކުރާއިރު އިބްރާހީމް ވަހީދު އަވަސް އަށް ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ ތުހުމަތުތަކުގައި ހަގީގަތެއް ނެތް ކަމަށެވެ.
"ސަރުކާރުން ދަ ޑިމޮކްރެޓްސް އަށް ބިރު ދައްކާ ކަމަށް ގަބޫލެއް ނުކުރެވޭ،" އިބްރޭ ވިދާޅުވި އެވެ.
ދަ ޑިމޮކްރެޓްސްއަށް ސޮއިކުރި މީހުންގެ ލިސްޓު ސަރުކާރަށް ލިބިފައިވާ ކަމަށް އެ ޕާޓީން ތުހުމަތުކުރާއިރު އިބްރޭ ވަނީ ސިޔާސީ ޕާޓީތަކަށް ސޮއިކުރާ މީހުންގެ ލިސްޓުގެ ބައެއް މައުލޫމާތު އުނިކޮށް އާންމުންގެ ޝަކުވާއަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ހުޅުވާލާކަން ފާހަގަކުރައްވާފަ އެވެ.
މީގެ އިތުރުން ދަ ޑިމޮކްރެޓްސްއަށް ސޮއިކުރި ބައެއް މެންބަރުން، އެ މެންބަރުންގެ ފޯމާއެކު ސޯޝަމް މީޑިއާގައި އާންމުކުރި ކަމަށް ވިދާޅުވި އެވެ.
"އެ ފޯމުގައިވާ މައުލޫމާތަކީ އެއްވެސް ގޮތަކަށް ސިއްރުވެފައިވާ މައުލޫމާތެއްނޫން،" އިބްރޭ ވިދާޅުވި އެވެ.
އިބްރޭ މިހެން ވިދާޅުވިއިރު ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވާ އެމްޑީޕީގެ ކުރީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ވަނީ ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރި މީހުންގެ ލިސްޓް ސަރުކާރަށް ލިބިފައިވާ ކަމަށާއި އެ ލިސްޓްގައިވާ މީހުންނަށް ސަރުކާރުގެ ވެރިން ވަޒީފާގެ ބިރާއި ފްލެޓާއި ގޯތި ނުދޭނެ ކަމަށް ބުނެ ބިރު ދައްކަމުންދާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.