ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރި މީހުންގެ ލިސްޓް ލީކުވެފައިވާ ކަމަށް ބުނެ އެ ޕާޓީން މައްސަލަ ހުށަހަޅާފައިވާތީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ކޮމިޝަނުން މިހެން ބުނެފައި މިވަނީ ދަ ޑިމޮކްރެޓްސް އަށް ސޮއިކޮށްފައިވާ 7،000 އަކަށް މެންބަރުންގެ ލިސްޓް ލީކް ވެފައިވާ ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.
ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވާ އެމްޑީޕީގެ ކުރީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރި މީހުންގެ ލިސްޓް ސަރުކާރަށް ލިބިފައިވާ ކަމަށާއި އެ ލިސްޓްގައިވާ މީހުންނަށް ސަރުކާރުގެ ވެރިން ވަޒީފާގެ ބިރާއި ފްލެޓާއި ގޯތި ނުދޭނެ ކަމަށް ބުނެ ބިރު ދައްކަމުންދާ ކަމަށެވެ.
ދަ ޑިމޮކްރެޓްސްގެ ތުހުމަތާ ގުޅިގެން އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ ޝަކުވާ ރަސްމީކޮށް ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ކޮމިޝަނުން ސީރިއަސް ކަމެއްގެ ގޮތުގައި ބަލަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބަލާނަން ކޮމިޝަންގެ ކާކުގެ އަތަކުން އަދި ކޮމިޝަންގެ ކޮން ޑިޕާޓްމަންޓަކުންތޯ އެ ލިސްޓެއް ލީކްވީ،" އޭނާ ވިދާޅުވި އެވެ.
ފުއާދު ވިދާޅުވީ ދައުލަތުގެ އެއްވެސް އިދާރަކަށް އަދިވެސް ބޭފުޅަކަށް އޮންނަ އުސޫލުގެ ބޭރުން އެއްވެސް ލިޔެކިޔުމެއް ހިއްސާނުކުރުމަށް ކޮމިޝަންގެ މުވައްޒަފުންނަށް އޭނާވެސް އަދި ކޮމިޝަންގެ މެންބަރުންވެސް އިލްތިމާސް ކުރާ ކަމަށެވެ. ލިސްޓްގެ މައްސަލައިގައި އިތުރަށް އެއްޗެއް ދަންނަވަން އެނގޭނީ ބަލަމުންދާ ކަންކަން ބަލައި ސާފުވުމުން ކަމުގައިވެސް ވިދާޅުވި އެވެ.
ފުއާދު ވިދާޅުވީ ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރި މީހުންގެ ލިސްޓް ބައެއް މައުލޫމާތު އުނިކުރުމަށްފަހު އާންމުންގެ ޝަކުވާއަށް މިއަދު ހުޅުވާލާނެ ކަމަށެވެ. އަދި ހުށަހެޅޭ ޝަކުވާތައް ބެލުމަށްފަހު ލިސްޓުން އުނިކުރަން ޖެހޭ މީހަކު ހުރި ނަމަ އުނިކުރާނެ ކަމަށެވެ.
"އެކަމަކު އަޅުގަނޑުމެން މިއަދު އާންމުކުރަން މިއުޅޭ ލިސްޓް އަޅުގަނޑުމެން ބައެއް މައުލޫމާތު އުނިކޮށްފައި އާންމުކުރުމުގެ ކުރިން ބަޔަކަށް ލިސްޓް ލިބުނު ކަމަށް އެ ބުނަނީ. އެހެން އެކަން އޮތް ނަމަ އެއީ ވަރަށް ދެރަ ކަމެއް،" ފުއާދު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކުރަން ހުށަހަޅާފައިވާތީ މައްސަލަތަކެއް ނެތްނަމަ ގިނަވެގެން ދެ ހަފްތާގެ ތެރޭގައި އެ ޕާޓީ ރަޖިސްޓްރީކޮށްދޭނެ ކަމަށެވެ. ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރަން ހުށަހަޅާފައިވަނީ މިމަހުގެ އެއްވަނަ ދުވަހު އެވެ.