އިލެކްޝަންސް ކޮމިޝަން (އީސީ) އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް ހެދުމުން އެ ކޮމިޝަންތަކުގެ މުސްތައްގިއްލުކަން ގެއްލިގެންދާތީ އެފަދަ އަމަލެއް ނުހިންގުމަށް ދަ ޑިމޮކްރެޓްސް އިން ގޮވާލައިފި އެވެ.
ޑިމޮކްރެޓްސްއިން އާންމުކުރި ނޫސްބަޔާނެއްގައި ބުނީ އީސީއާއި އޭސީސީގެ ރައީސުން އަދި ނައިބު ރައީސުން އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭގޮތަށް ގާނޫނަށް ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހަޅާފައިވާތީ އެކަމާ އިންތިހާއަށް ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.
އެ ޕާޓީން ބުނީ ސަރުކާރުގެ ނުފޫޒެއްގައި ނުޖެހި އެ ދެ ކޮމިޝަނުން ޒިންމާތައް އަދާކުރަންޖެހޭ ކަމަށާއި އީސީއަކީ އެއިރެއްގައި އޮންނަ ސަރުކާރު ނިސްބަތްވާ ފަރާތްތައް ވެސް ބައިވެރިވާ އިންތިހާބުތައް ބާއްވާ ތަނެއް ކަމަށެވެ. އަދި އޭސީސީއަކީ ސަރުކާރަށް އަމާޒުވާ ކޮރަޕްޝަނާއި ފަސާދައިގެ މައްސަލަތައް ބަލާ ކޮމިޝަނެއް ކަމަށެވެ. އެހެންވެ، އެ ދެ ކޮމިޝަނުގެ މިނިވަންކަން މުހިއްމުވާ ކަމަށެވެ.
"ނަމަވެސް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުތަކުން ރައީސުލްޖުމްހޫރިއްޔާ އެ ދެ ކޮމިޝަނުގެ ރައީސުންނާއި ނައިބު ރައީސުން ކަނޑައަޅައި އައްޔަނުކުރާގޮތަށް ބަދަލުކުރުމަކީ އެ ކޮމިޝަންތަކުގެ މުސްތަގިއްލުކަމަށް ލޮޅުން އަރުވާލާކަމެއް،" ދަ ޑިމޮކްރެޓްސްއިން ބުންޏެވެ.
އީސީއަކީ ރައްޔިތުންގެ އިންތިހާބީ އެންމެހައި ހައްގުތަކުގެ އިންސާފުވެރިކަމާ މިނިވަންކަން ކަށަވަރު ކުރުމުގެ ޒިންމާއަދާކުރަންޖެހޭ ކޮމިޝަނެކެވެ. އަދި އޭސީސީއަކީ ރައްޔިތުންގެ މާލިއްޔަތާއި ދައުލަތް ހިންގުމުގެ ތެރޭގައި ހިނގާ ކޮރަޕްޝަނާ ފަސާދަ މިނިވަންކަމާއެކު ބަލާ ފިޔަވަޅު އެޅުމުގެ ޒިންމާއަދާކުރަންޖެހޭ ކޮމިޝަނެކެވެ. އެ ކޮމިޝަންތަކުގެ ރައީސުންނާއި ނައިބ ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިަތުމަކީ ތަނުގެ މަސައްކަތުގެ ތެރެއަށް ރައީސުލްޖުމްހޫރިއްޔާ ވަދެވަޑައިގަތުމުގެ އަމަލެއް ކަމަށް ވެސް ޑިމޮކްރެޓްސްއިން ބުންޏެވެ.
"އެހެންކަމުން މިކަމަކީ ހިންގުމުގެ ޑިމޮކްރެޓިކް އަސާސްތައްވެސް އަދި ގާނޫނުއަސާސީގެ ރޫހަށް ބަލާއިރު ވެސް ތަންދޭކަމެއް ނޫންކަމަށް ދެކެން،" އެ ޕާޓީން ބުންޏެވެ.
ދަ ޑިމޮކްރެޓްސްއިން ވަނީ އީސީއާއި އޭސީސީގެ މުސްތަގިއްލުކަން ނަގާލުމުގެ އަމަލެއް ނުހިންގުމަށް ތަކުރާރުކޮށް ގޮވާލާފަ އެވެ.