ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް ބޮޑުކުރަން ނިންމައިފި

އުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން ކޮންމެ މަހަކު ދޭ އެލަވަންސް ބޮޑުކުރުމަށް ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިހާރު އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ އައްޑޫ ސިޓީ ސްކުއާގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް އެވެ.

އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް ބޮޑުކުރަން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވި ނަމަވެސް މިރޭ އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް ރައީސް ދެއްވާފައެއް ނުވެ އެެވެ. އެކަމަކު އެމަނިކުފާނު ރިޔާސީ ދެވަނަ ދައުރަށް އެކުލަވާލާ މެނިފެސްޓޯގައި އެފަދަ ކަންކަން ހިމަނާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ސަރުކާރުން މިހާރު ދެމުންދާ އެލަވަންސް މިމަހުގެ ތެރޭގައި ބޮޑުކޮށް އާ އެލަވަންސް ދޭން ނިންމާފައިވާ ގޮތް މިމަހު ހާމަކުރާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ. ރައީސް މިރޭވެސް ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޮޑުކުރާ އެލަވަންސް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށެވެ.

އުމުރުން ދުވަސްވީ މީހުންނަށް މިހާރު ދެނީ މަހަކު 5،000 ރުފިޔާ އެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ސަރުކާރުން މިހާރު 2،000 ރުފިޔާ އެވެ.

ރައީސް ސޯލިހްގެ މިވެރިކަމުގައި ތައުލީމީ ދާއިރާ އަދި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ވަނީ ވަރަށް ބޮޑަށް ބޮޑުކޮށްފަ އެވެ. އަދި މިސަރުކާރުގައި މިނިމަމް ވޭޖު ތައާރަފްކުރުމާ ގުޅިގެން އެންމެ ކުޑަކޮށް މުސާރަ ލިބެމުން ދިޔަ ބައެއް މުވައްޒަފުންނަށް ވެސް މުސާރައިގެ ކުޑަ ނަމަވެސް ކުރިއެރުމެއް ލިބިފައިވެ އެވެ.