ބޮލީވުޑް

ފިލްމުފެއާ އެވޯޑު ބޭނުންކުރަނީ ފާޚާނާގައި: ނަސީރުއްދީން ޝާހް

ނަސީރުއްދީން ޝާހް އަކީ ހިންދީ ފިލްމު ކުޅޭ އެކްޓަރުންގެ ތެރެއިން އެންމެ މޮޅު އެއް އެކްޓަރެވެ. ދާދިފަހުން އޭނާ ވަނީ "ތާޖް ޑިވައިޑަޑް ބައި ބްލަޑް" ގައި އަކްބަރް ރަސްގެފާނުގެ ރޯލު އަދާކޮށްފަ އެވެ.

ފިލްމުތަކުގައި މޮޅު ރޯލުތައް ކުޅުމުގެ އިތުރުން ނަސީރުއްދީނަކީ ސިޔާސީ އަދި އިޖުތިމާއީ ކަންކަމުގައި އޭނާގެ ބަސް ވަރަށް ފާޅުގައި ބުނަން ކެރޭ މީހެއްގެ ގޮތުގައިވެސް ފާހަގަކޮށްލެވެ އެވެ. ބޮލެއް ކަނދުރާއެއް ނުބަލައި އޭނާ ބުނަން ބޭނުންވާ އެއްޗެއް ބުނެލަން ނަސީރުއްދީނަށް ކެރެ އެވެ.

ދާދިފަހުން އޭނާ ދީފައިވާ އިންޓަވިއު އެއްގައި ވަނީ ބޮލީވުޑް ފިލްމުތަކަށް ދޭ މަޝްހޫރު އެވޯޑުތަކާ ބެހޭ ގޮތުން ވާހަކަ ދައްކާފައި ވެއެވެ.

ނަސީރުއްދީން ބުނި ގޮތުގައި ކޮންމެ އެކްޓަރަކު ވެސް އެމީހަކު އެ ކުޅެން ހަމަޖެހިފައިވާ ރޯލެއް ކުޅެނީ ވަރަށް ބުރަ މަސައްކަތުންނެވެ. އެހެންވީމާ އެހެން މީހަކު މިއީއޭ އަހަރުގެ މޮޅު އެކްޓަރު ކިޔާފައި ވަކި އެކްޓަރަކަށް އެވޯޑެއް ދިނުމަކީ ބުއްދިއަށް ގަބޫލު ކުރެވޭ ކަމެއް ނޫނެވެ.

"އެފަދަ އެވޯޑުތަކާ މެދު އަހަރެން ފަޚުރުވެރިއެއް ނުވަން. އެންމެ ފަހުން އަހަންނަށް ލިބުނު ދެ އެވޯޑު ބަލައެއް އަހަރެން ނުވެސް ދަން. އަހަރެން ފާމްހައުސްއެއް އަޅާފައި އަހަރެން ހިތަށް އެރި އަހަންނަށް މިހާތަނަށް ލިބިފައި ހުރި އެވޯޑުތައް މިތަނުގައޭ ބަހައްޓާނީ. އެތާނގައި ހުރި ވޮޝްރޫމްތަކަށް ވަންނަ ކޮންމެ މީހަކަށްވެސް ދެ އެވޯޑު ލިބޭނެ. އެއީ އަހަރެން އެ ފާޚާނާތަކަށް ވަންނަން ހުރި ދޮރުގެ އަތްގަނޑުތައް ހަދާފައި ހުންނާނީ ފިލްމުފެއާ އެވޯޑުން ކަމަށް ވާތީ،" ނަސީރުއްދީން ބުންޏެވެ.

ނަސީރުއްދީން ބުނި ގޮތުގައި އެހާވެސް އޭނާގެ ކުރިމަތީގައި މި އެވޯޑުތަކުގެ އަގެއް ނެތެވެ. ކެރިއަރުގެ ކުރީކޮޅު އެވޯޑުތައް ލިބުމުން އުފާވި ކަމަށާއި މިހާރުވެސް އެވޯޑުތައް ފުންޏަކަށް ގޭގައި އެބަހުރި ކަމަށެވެ.

"ތަންކޮޅެއް ފަހުން އަހަންނަށް ވިސްނުނު މި އެވޯޑުތަކަކީ ވެސް ކޮންމެހެން އެމީހެއްގެ ގާބިލްކަމަށް ބަލައިގެން ލިބޭ އެއްޗެއް ނޫނޭ. މިއީ ލޮބީކޮށްގެން ލިބޭ އެއްޗެކޭ. އެހެންވެ ފަހުން އަހަރެން އެވޯޑުތަކާ ހަވާލު ނުވަނީ،" ނަސީރުއްދީން ބުންޏެވެ.

ފިލްމުފެއާ އެވޯޑު ފަދަ އެވޯޑުތަކާ ހަވާލު ނުވިޔަސް އިންޑިއާ ސަރުކާރުން އެ ގައުމުގެ ރައްޔިތުން އެކި ރޮނގުރޮނގުން ކުރާ މަސައްކަތުގެ އަގުވަޒަންކޮށްދޭ ސިވިލިއަން އެވޯޑުތަކުގެ ތެރޭގައި ހިމެނޭ ޕަދްމާ ޝްރީ އާއި ޕަދްމާ ބޫޝަން ފަދަ އެވޯޑުތައް ބަލާ ނަސީރުއްދީން ދިޔަ އެވެ.

"އެ އެވޯޑުތަކާ ހަވާލުވީ އަހަރެންގެ މަރްހޫމް ބައްޕަގެ ހަނދާންތައް އާވެގެން. ބައްޕަ އަބަދުވެސް ފިކުރުބޮޑުވާނެ އަހަރެން ވަޒީފާ އަދާނުކުރާތީ. އެކްޓްކުރަން އުޅޭތީ. ބައްޕަ ބުނާނެ ތިކަހަލަ ބޭކާރު މަސައްކަތް ކުރާނީ މޮޔައިންނޭ. އެހެންވެ އަހަރެން ރަޝްތުރަޕަތީ ބަވަންއަށް ގޮސް އެ އެވޯޑުތަކާ ހަވާލުވީ ބައްޕައަށް އެކަން އެނގޭނެކަމުގެ އުންމީދުގައި. އޭނާގެ ދަރިފުޅަކީ އެކްޓަރަކަށް ވިޔަސް ބޭކާރު މީހެއް ނޫންކަން ބައްޕަ އަށް އެނގި އުފާވާނެކަމުގެ ޔަގީންކަމުގައި،" ނަސީރުއްދީން ބުންޏެވެ.