އިބްރާހިމް ރިއްފަތު

"ދުވަހަކުވެސް ފައިސާގައި ޖެހި ހިޔާނާތްތެރިއެއް ނުވަން"

މުޅި ހަޔާތުގައިވެސް ފައިސާގައި ޖެހި ރައްޔިތުންނަށް ހިޔާނާތްތެރިވެފައި ނުވާނެ ކަމަށް ބަންޑާރަނައިބު އިބްރާހީމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.

ބަންޑާރަނައިބު ރިފްއަތު މިހެން ވިދާޅުވީ ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލު ތަފާތުވެފައިވާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަންޑާރަނައިބުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތު އެންމެ ފުރިހަަމައަށް އަދާކުރައްވާފައި ނެތް ކަމަށް ތުހުމަތުކޮށް އިދިކޮޅުން ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީ ވެވަޑައިގަންނަވަމުންނެވެ.

"(އިޓްލޮސްއިން) މައްސަލަ ނިމުނުއިރުގައި މޮރިޝަސް ސަރުކާރުން އަޅުގަނޑަށް ދިން ރަން މެޑެއްޔެއް ނެތް، އަޅުގަނޑަށް ދިން ލަގަބެއް އިއްޒަތެއްވެސް ނެތް. ޑޮލަރުލާން އަޅުގަނޑު ހުޅުވި އެސްކްރޯ އެކައުންޓެއްވެސް ނޯންނާނެ. އަޅުގަނޑުގެ މުޅި ހަޔާތުގައިވެސް ފައިސާއެއްގައި ޖެހި ރައްޔިތުންނަށް ހިޔާނާތްތެރިނުވާކަން ދިވެހި ރައްޔިތުންނަށް ޔަގީންކޮށްދެން،" ރިފްއަތު ވިދާޅުވި އެވެ.

ރިފްއަތު ވިދާޅުވީ ކަނޑުގެ ސަރަހައްދުގެ މައްސަލައަށް ކުރީގެ އެއްވެސް ސަރުކާރަކުން ދިވެހިންގެ ހައްގުގައި ގޮތެއް ނިންމަން ނުކުރެނު ކަމަށެވެ.

ކުރީގެ ސަރުކާރުތަކުން ނޭނގި ނަމަވެސް މި މައްސަލައިގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި ކުރީގެ ބަންޑާރަނައިބުންވެސް އިހުމާލުވެފައިވާކަން ރިފްއަތު ފާހަގަކުރެއްވި އެވެ.

ރިފްއަތު ވިދާޅުވީ ކުރީގެ އެއްވެސް ސަރުކާރަކުން މައްސަލަ ހައްލު ނުކުރުމުން މޮރިޝަސް އިން 2019 ވަނަ އަހަރު މައްސަލައިގައި ދައުވާކުރި ކަމަށާއި މައްސަލައިގައި ނިންމެވި ކޮންމެ ނިންމެވުމަކީ ގާނޫނު އަސާސީއާއި ގާނޫނުތަކާ އެއްގޮތަށް ކަމަށެވެ.

އިޓްލޮސްގެ ނިންމުން 30 ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރެވޭނެ ކަމަށް ކުރީގެ ބަންޑާރަނައިބުން ވިދާޅުވަމުން ގެންދެވި ނަމަވެސް އެކަންކުރާނެ ގޮތެއް އެ ބޭފުޅުންނަށް ވިދާޅުނުވެވޭކަން ރިފްއަތު ފާހަގަކުރެއްވި އެވެ.

"އިޓްލޮސް އިން ނިންމި މައްސަލަ އިސްތިއުނާފު ކުރެވޭނެ ކަމަށް ބުނުމަކީ ގާނޫނީ މާހިރެއް ކީއްކުރަންތޯ ގާނޫނު ކިޔަވާ ކުއްޖަކުވެސް ދައްކާނެފަދަ ވާހަކައެއް ނޫން،" ރިފްއަތު ވިދާޅުވި އެވެ.