އައިސް ނާޅަ މަސް ގަތުން މި އަހަރުން ފެށިގެން މިފްކޯއިން ހުއްޓާލާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދްލީ އިސްމާއިލް ވިދާޅުވީ މި އަހަރުގެ މެދެއްހާ ހިސާބަށް ދާއިރު ރާއްޖޭގެ 17 ޕޮއިންޓަކުން މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ. އަދި މި އައިސް ޕްލާންޓުތައް ގާއިމް ކުރުމަށްފަހު މަސްވެރިންގެ އަތުން އައިސް ނާޅައި މަސް ގަތުން ހުއްޓާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޓާގެޓަކީ އަހަރުގެ މެދާ ހަމައަށް ދާއިރު އައިސް އެޅި މަސް ނޫން އެހެން މަހެއް ނުގަތުން. އޭގެ ސަބަބުން މަހުގެ އަގު ރަނގަޅުވާނެ. ޔޫރަޕާ ދިމާލަށް ރޯމަސް ގެންދިއުމުގެ މަސައްކަތް އޭރުން ފެށޭނެ،" އަދްލީ ވިދާޅުވި އެވެ.
ރާއްޖޭގެ މަސް ކުންފުނިތަކަށް ކިރުވާ އައިސް އެޅި މަހަށް ރަނގަޅު އަގެއްދެ އެވެ. އައިސް އަޅައިގެން ގެންނަ މަސް ކިލޯއަކަށް 19ރ. ދޭއިރު، އައިސް ނާޅައި ގެންނަ މަސް ކިލޯއަކަށް ދެނީ 17ރ. އެވެ.
އަދްލީ ވިދާޅުވީ މިހާރު ވެސް އެ ކުންފުންޏަށް ކިރުވާ މަހުގެ 80 ޕަސެންޓަކީ އައިސް އަޅައިގެން ގެންނަ މަސް ކަމަށެވެ.
"އަޅުގަނޑުމެން ބޭނުމަކީ އައިސް އެޅިމަސް ނޫނީ ނުގަތުން. އޭރުން މަހުގައި މި އުފެދޭ ހިސްޓަމިން [މަސް ފިނި ނުކޮށް ގިނަ އިރު ވުމުން އުފެދޭ ވިހަ މާއްދާ] ގެ ވާހަކަ ބޭރުގެ ފަރާތްތަކަށް ނުދެއްކޭނެ. ހާއްސަކޮށް ޔޫރަޕަށް ދާއިރު ހިސްޓަމިން ލެވަލް މަތިވެއްޖެނަމަ ވިއްކުމުގައި ދަތިވޭ. މިކަމުން އޭރުން ސަލާމަތް ވޭ،" އަދްލީ ވިދާޅުވި އެވެ.
މިފްކޯ އިން ދަނީ މަސްވެރިންނަށް ފަސޭހައަކަށް ރާއްޖޭގެ އެކި ހިސާބުތަކުން އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ގާތްނގަޑަކަށް 17 މިލިއަން ރުފިޔާގެ މި މަޝްރޫއެއް ހިންގަމުންނެވެ. މި މަޝްރޫރުގެ ދަށުން ހަ ރަށެއްގައި 25 މެޓްރިކް ޓަނުގެ އައިސް ޕްލާންޓުތައް ގާއިމް ކުރާނެ އެވެ.