ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ބާއްވާ "މޯލްޑިވްސް–ސްރީލަންކާ ޖޮއިންޓް ކޮމިޝަން" ގެ ހަތަރުވަނަ ސެޝަން މާދަމާ ފެށުމަށް ތައްޔާރުވެއްޖެ އެވެ.
ލަންކާގެ ވެރިރަށް ކޮލަންބޯގައި މާދަމާއިން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޖޮއިންޓް ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވާނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ލަންކާގެ ފޮރިން މިނިސްޓަރު އެމްޔޫއެމް އަލީ ސަބްރީ އެވެ
މި ބައްދަލުވުމުގެ މިނިސްޓަރުން ފެންވަރުގެ ބައްދަލުވުމުގެ ކުރިން ސީނިއާ އޮފިޝަލުންގެ ބައްދަލުވުމެއް މާދަމާ އޮންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
މި ސެޝަންގެ ސީނިއާ އޮފިޝަލުންގެ ބައްދަލުވުމުގައި ރާއްޖެ އާއި ލަންކާއިން އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް އެއްބާރުލުން ދިނުމާގުޅޭ ގޮތުން މަޝްވަރާކުރާނެ އެވެ.
މަޝްވަރާކުރާ ދާއިރާތައް
- ވިޔަފާރިގެ ދާއިރާ
- އިންވެސްޓްމަންޓްގެ ދާއިރާ
- ފަތުރުވެރިކަމުގެ ދާއިރާ
- ސަގާފަތުގެ ދާއިރާ
- ތައުލީމީ ދާއިރާ
- ސިއްހީ ދާއިރާ
- މަސްވެރިކަަމުގެ ދާއިރާ
- ދިފާއީ ދާއިރާ
- ގާނޫނާއި ގާނޫނު ތަންފީޒުކުރުން
- ޒުވާނުންގެ ދާއިރާ
- ސަރަހައްދީ އަދި ބައިނަލްއަގްވާމާމީ ދާއިރާ
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ދެގައުމުގެ ދެމެދުގައި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
"މޯލްޑިވްސް-ސްރީލަންކާ ޖޮއިންޓް ކޮމިޝަން" އެކުލަވާލާފައިވަނީ ރާއްޖެއާއި ލަންކާއާ ދެމެދު ސޮއިކުރެވުނު އެގްރީމަންޓް އޮން އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަންގެ ދަށުން 1984ވަނަ އަހަރު އެވެ.
މިޖޮއިންޓް ކޮމިޝަންއަކީ ރާއްޖެއާއި ލަންކާއަށް މުހިންމު ދާއިރާތަކާއި ކަންކަމާ ގުޅޭގޮތުންނާއި ދެ ގައުމުން ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލުކޮށް މިހާތަނަށް ކުރެވިފައި ހުރި މަސައްކަތްތައް މުރާޖައާ ކުރުމަށް ދެ ގައުމުގެ ސަރުކާރަށް ވެސް ލިބޭ ޕްލެޓްފޯމެކެވެ.
ޖޮއިންޓް ކޮމިޝަނުގެ ތިންވަނަ ސެޝަން ބާއްވާފައިވަނީ 2017ވަނަ އަހަރު ދިވެހިރާއްޖޭގަ އެވެ.