މޯލްޑިވްސް ޕޮލިސް ސާވިސްގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އިތުބާރު ދެމެހެއްޓުމަށް ކުރަންޖެހޭ ކަންތައްތައް ދެނެގަތުމުގެ ގޮތުން ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު އަރީފަށް މުވައްޒަފުންގެ ޚިޔާލާއި ޝަކުވާ، މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންޓްރާނެޓާއި އެސްއެމްއެސް މެދުވެރިކޮށް ހުށަހެޅޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.
ފުލުހުން ބުނީ އިންޓްރާނެޓް މެދުވެރިކޮށް ޚިޔާލާއި ޝަކުވާ ހުށަހެޅުމަށް "Ask Your Commissioner" ގެ ނަމުގައި އިންޓްރާނެޓްގައި އެކަމަށް ޕޯޓަލްއެއް ގާއިމްކޮށްފައިވާ ކަމަށާއި އެސްއެމްއެސް މެދުވެރިކޮށް ޚިޔާލާއި ޝަކުވާ ހުށަހެޅުމަށް ވަކި ކީ ވޯޑެއް ޖެހުމަށްފަހު ޚިޔާލު ނުވަތަ ޝަކުވާ ލިޔެ ވަކި ނަންބަރަކަށް ފޮނުވުމުން އެ ހިޔާލެއް ހުށަހެޅޭނެ ކަމަށެވެ.
އަދި މުވައްޒަފުން ހުށަހަޅަން ބޭނުންވާ ހިޔާލާއި ޝަކުވާތައް ހުށަހެޅުމަށް ގްރީވެންސް ރީޑްރެސަލް އޮފިސަރެއް ސީޕީ ކަނޑައަޅުއްވާފައިވާ ކަމަށާއި ގްރީވެންސް ރީޑްރެސަލް އޮފިސަރަކީ މުވައްޒަފުން ހުށަހަޅާ ޝަކުވާ އާއި ހިޔާލުތައް އަޑުއަހައި ސީޕީ އާ ހަމައަށް ފޯރުކޮށްދީ އެކަންކަމަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތްކުރާނެ އޮފިސަރެއް ކަމަށެވެ.
ފުލުހުން ބުނީ މި ޚިދުމަތް މެދުވެރިކޮށް ހިއްސާކުރެވޭ ޚިޔާލާއި ޝަކުވާތައް ބަލަހައްޓާނީ ސިއްރު މަޢުލޫމާތުތަކެއްގެ ގޮތުގައި ކަމަށާއި މި ޚިދުމަތް މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.