ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"އައްޑޫ ރައްޔިތުން ކުރެހި ގޮތަށް ޕްލޭން ތަންފީޒުކޮށްދޭނަން"

Jun 5, 2023

ރައްޔިތުން ކުރެހި ޕްލޭން އެގޮތުގައި ތަންފީޒުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެއްވައިފި އެވެ.

ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު އައްޑޫއަށް ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އައްޑޫ ރައްޔިތުންނަށް ޝުކުރާ އަދާކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ.

ރައީސްއަށް ވަޑައިގަތުމުން އެ ސިޓީގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

"އައްޑޫ ސިޓީގެ ރައްޔިތުން އަޅުގަނޑުމެންނަށް ތިކުރެއްވި އިތުބާރާއި ވިދާޅުވި ހޫނު މަރުހަބާއަށް ޝުކުރު ދަންނަވަން. އައްޑޫގެ ކުރިމަގާމެދު ތިބޭފުޅުން ކުރެއްސެވި ޕްލޭން އެ ގޮތުގައި ތަންފީޒުކޮށްދިނުމުގައި އަޅުގަނޑުމެން ކުރިއަށް ދާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ އައްޑޫގެ ދަތުރުފުޅުގައި އެ ސިޓީއަށް ތަރައްގީގެ ބޮޑެތި ބަދަލުތަކެއް ގެނައުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގާ ބޮޑެތި މަޝްރޫއުތައް އިފްތިތާހްކޮށްދެއްވައި ބައެއް މަޝްރޫއުތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވި އެވެ.

ރައީސްގެ އައްޑޫ ދަތުރުފުޅުގައި އައްޑޫއަށް ބިން އިތުރުކުރުމުގެ ބިޔަ މަޝްރޫއު އިފްތިތާހްކޮށްދެއްވައި ގަން އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމުގެ މަޝްރޫއުވެސް ފައްޓަވައި ދެއްވި އެވެ. އަދި އައްޑޫ ސިޓީގެ މަގުތައް ހަދަމުންދާ ސަރަހައްދުތަކަށް ޒިޔާރަތްކުރައްވައި މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތްތައް ގާތުން ބެއްލެވި އެވެ.