ދަ ޑިމޮކްރެޓްސް

ދަ ޑިމޮކްރެޓްސްއަށް ސޮއިކުރުމުން ސަރުކާރުން ބިރު ދައްކާ ކަމަށް ބުނެ މަޖިލީހަށް

"ދަ ޑިމޮކްރެޓްސް" އަށް ސަރުކާރުން ބިރު ދައްކާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް މިމަހުގެ ފުރަތަމަ ދުވަހު އެ ޕާޓީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމުތަކުގައި ހުރި މައުލޫމާތު ސަރުކާރުން "ވަގަށް" ހޯދާފައިވާ ކަމަށެވެ.

ޕާޓީއަށް ސޮއިކުރި މީހުންނަށް ސަރުކާރުން ގުޅައި ބިރުދައްކަމުންދާ ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ.

"ސަރުކާރުގެ މިނިސްޓަރުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރީންނާއި ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭބޭފުޅުން ވަޑައިގަންނަވަނީ އެ މުޑުދާރު އަމަލު ހިންގަވަމުން،" މައްސަލައިގައި ބުނެފައިވެ އެވެ.

"ދަ ޑިމޮކްރެޓްސް" އަށް ސޮއިކުރި މީހުންނަށް ސަރުކާރުން ގުޅައި ގޯތި ނުވަތަ ފްލެޓަށް ފޯމު ހުށަހެޅިތޯ ސުވާލުކުރާ ކަމަށާއަި ދަރިފުޅު ސްޓޫޑެންޓް ލޯނަށް ހުށަހެޅިތޯ ސުވާލުކުރާ ކަމަށް މި މައްސަލައިގައި ވަނީ ބުނެފަ އެވެ.

"ސަރުކާރުގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނީގައި އޮތް ދަރިފުޅުގެ ވަޒީފާގައި އޭނާ ބަހައްޓަން ބޭނުންނަމަ "ޑިމޮކްރެޓްސް" އަށް ކޮށްފައި އޮތް ސޮއި އަނބުރާ ނެގުމަށް،" އަންގާ ކަމަށް ކުއްލި މައްސަލައިގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އުފައްދަން އުޅޭ ސިޔާސީ ޕާޓީ -- "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ސޮއި ހަމަކޮށް އެ ޕާޓީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މިމަހުގެ ފުރަތަމަ ދުވަހު އެވެ.

"ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީކުރުމަށް 3،560 ފޯމު ހުށަހަޅާފައިވާއިރު ޕާޓީއަށް ސޮއި ކުރި މީހުންގެ ލިސްޓް ސަރުކާރަށް ލިބިފައިވާ ކަމަށާއި އެ ލިސްޓްގައިވާ މީހުންނަށް ސަރުކާރުގެ ވެރިން ވަޒީފާގެ ބިރާއި ފްލެޓާއި ގޯތި ނުދޭނެ ކަމަށް ބުނެ ބިރު ދައްކަމުންދާ ކަމަށް އެޕާޓީން މީގެ ކުރިންވެސް ވަނީ ބުނެފަ އެވެ.

"ދަ ޑިމޮކްރެޓްސް" އިން މި ތުހުމަތުތައް ކުރަމުންދާއިރު އެ ޕާޓީއަށް ސޮއިކުރާ މެންބަރުންނަށް ސަރުކާރުން އަދި އެމްޑީޕީންވެސް ބިރު ނުދައްކާ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) ވަނީ ވިދާޅުވެފަ އެވެ.