ރައްޔިތުންގެ މަޖިލިސް

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މިއަދު ފާސްކޮށްފި އެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ފާސްކުރީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ 110 ވަނަ ބައްދަލުވުމުގައި މިއަދު ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ނިންމުމާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދު އަމަލުކުރައްވާ ގޮތުން މެންބަރުންގެ ކަންބޮޑުވުން ހުރި ކަމަށެވެ.

"އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުން އެކަން ތަކުރާރުކޮށް ގެންދެވީ ފާހަގަ ކުރައްވަމުން. މަޖިލީހުގެ ރައީސް، މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިއްތަވާ ވާހަކަ ތަކުރާރުކޮށް މަޖިލީހުގެ ފްލޯގައާއި އެހެނިހެން ފޯރަމްތަކުގައި ފާހަގަކުރަމުންދޭ،" އަސްލަމް ވިދާޅުވި އެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރެވުނު ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދެވުނީ ރައީސް ނަޝީދު އަމަލު ކުރެއްވި ގޮތުގެ ސަބަބުން ކަމަށް އަސްލަމް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގައި ފާސްވީ ބައްދަލުވުމުގައި ބައިވެރިވެ ވޯޓު ދިން 41 މެންބަރުންގެ ތެރެއިން 36 މެންބަރުންގެ ވޯޓުންނެވެ.

އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ޕާލިމަންޓްރީ ގްރޫޕުން ނިންމި ނަމަވެސް އިތުބާރު ނެތް ކަމުގެ މައްސަލައިގައި ރަސްމީކޮށް ސޮއިކުރުމުގެ މަސައްކަތް އަދި ނުފަށާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާނީ މަޖިލީހުގެ އަގުލަބިއްޔަތު ކަމަށްވާ 44 ސޮއި ލިބުމުން ކަމަށާއި މި މައްސަލައިގައި 50 އަށްވުރެ ގިނަ މެންބަރުން ސޮއިކުރައްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.