މުހައްމަދު އަސްލަމް

މަޖިލީހުގެ ރައީސްކަމަށް އަސްލަމް ތައްޔާރު

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ހުށަހަޅައިފިނަމަ ގަބޫލުކުރައްވާނެ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ނިންމާފައިވާ ނިންމުމާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަތުމަށް ނުވިސްނަވާ ކަމަށާއި ނަމަވެސް ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން އެފަދަ ނިންމުމެއް ނިންމައިފި ނަމަ އެކަން ގަބޫލު ހިތުގެ އަޑިން ގަބޫލުކުރައްވާނެ ކަމަށެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަށްފަހު މަޖިލީހަށް ރައީސަކު އައްޔަންކުރުމުގައި ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން މިހާތަނަށް ގޮތެއް ނިންމާފައިނުވާ ކަމަށް އަސްލަމް ވިދާޅުވި އެވެ. އެފަދަ ނިންމުމެއް ޕާލިމަންޓްރީ ގްރޫޕުން ނިންމުމުން އެކަން ހާމަކުރައްވާނެ ކަމަށްވެސް އަަސްލަމް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ނިންމީ މިއަދު ބޭއްވި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ބައްދަލުވުމުގަ އެވެ.

މި މައްސަލަ ހުށަހަޅަން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގައި ފާސްވީ ބައްދަލުވުމުގައި ބައިވެރިވެ ވޯޓު ދިން 41 މެންބަރުންގެ ތެރެއިން 36 މެންބަރުންގެ ވޯޓުންނެވެ.