މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) އާއި ޔޫރަޕިއަން ޕާލިމަންޓްގެ މެންބަރުންގެ ވަފުދު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ބައްދަލުކުރައްށްވައިފި އެވެ.
މިއަދު ރައީސް އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގެ ތަފްސީލެއް ރައީސް އޮފީހުން ދެއްވާފައެއް ނުވެ އެވެ.
ސީމެގްގެ ވަފުދުގައި ހިމެނެނީ ސީމެގްގެ ވައިސް ޗެއާ ކާރލް ގްރީނިޖް، ވައިސް ޕްރެޒިޑެންޓް އެންޑް މިނިސްޓަރު އޮފް ފޮރިން އެފެއާޒް އޮފް ގުޔާނާ އާއި ކެބިނެޓް ސެކެޓްރީ އޮފް ފޮރިން އެފެއާޒް އެންޑް އިންޓަނޭޝަނަލް ޓްރޭޑް އޮފް ކެންޔާ ޑރ. އާމިނާ މުހައްމަދާއި ފޮރިން ސެކެޓްރީ އޮފް އިންޑިއާ ޖައޭޝަންކަރެވެ.
ސީމެގް އިން ރާއްޖެއަށް ދަތުރެއް މި ކުރަނީ ސަރުކާރުގެ ދައުވަތަކަށެވެ. އެ ވަފުދުން ރާއްޖޭގެ ހާލަތު މޮނީޓާކޮށް ކޮމަންވެލްތަށް ރިޕޯޓް ހުށަހަޅާނެ އެވެ. އެ ޓީމުން މާދަމާއާ ހަމަޔަށް ރާއްޖޭގައި މަސައްކަތް ކުރާނެ އެވެ. ސީމެގުން މިއަދު ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއެކު ބޭއްވި ބައްދަލުވުމުގެ ތަފްސީލު ވެސް އަދި ދެއްވާފައެއް ނުވެ އެވެ.
މިއަދު ރާއްޖެއަށް އައި ޔޫރަޕިއަން ޕާލިމަންޓް ވަފުދުގެ ބޭފުޅުން ރާއްޖޭގެ ހާލަތު ދިރާސާ ކުރާނެ އެވެ. ސަރުކާރުން ވަނީ ޔޫރަޕިއަން ޕާލިމަންޓުގެ ވަފުދުގެ ދަތުރުތަކަށް މަރުހަބާ ކިޔާފަ އެވެ. އަދި ބުނެފައި ވަނީ ރާއްޖޭގެ ހާލަތު އިންސާފުވެރިކޮށް ބައްލަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.