އިލެކްޝަންސް ކޮމިޝަން

ޑިމޮކްރެޓުންގެ ލިސްޓް ލީކްވުމުގައި އިހްމާލެއް ނެތް: އީސީ

ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރަން ހުށަހަޅާފައިވާ "ދަ ޑިމޮކްރެޓްސް"އަށް ސޮއިކޮށްފައިވާ މީހުންގެ ލިސްޓް ލީކްވެފައިވަނީ ކޮމިޝަންގެ އިހްމާލަކުން ނޫން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ދަ ޑިމޮކްރެޓްސް އަށް ސޮއިކުރި މީހުންގެ ލިސްޓު ލީކްވެފައިވާ ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް އެ ޕާޓީން އޮތީ އިލެކްޝަންސް ކޮމިޝަނަށް ކުރިން ހުށަހަޅާފަ އެވެ.

މައްސަލަ ބެލުމަށްފަހު ކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދަ ޑިމޮކްރެޓްސް އިން ތުހުމަތުކުރާ ފަދަ އެއްވެސް ކަމަކީ އެ ކޮމިޝަންގެ ތެރޭގައި ހިނގާފައި ކަންތައްތަކެއް ނޫން ކަމަށެވެ. އަދި އެފަދަ އެއްވެސް އަމަލެއް ކޮމިޝަންގެ އެއްވެސް މެންބަރަކު ނުވަތަ މުވައްޒަފަކު ހިންގާފައި ނުވާ ކަމަށްވެސް ބުންޏެވެ.

"ރިޔާސީ އިންތިހާބަށް ކޮމިޝަނުން ތައްޔާރުވަމުންދާ މިދަނޑިވަޅުގައި ކޮމިޝަނާއި ކޮމިޝަންގެ މެންބަރުންނާއި މުވައްޒަފުންނަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ގެއްލޭ ގޮތަށް އެއްވެސް ފަރާތަކުން ކޮމިޝަނާ މަތިކޮށް އެއްވެސް ވާހަކައެއް ނުފެތުރުމަށް އިލްތިމާސް ކުރަމެވެ،" އީސީގެ ބަޔާނުގައިވެ އެވެ.

ޑިމޮކްރެޓްސްގެ ލިސްޓް ލީކްވީ މައްސަލަ އެ ޕާޓީން ވަނީ ފުލުހުންނަށްވެސް ހުށަަހަޅާފަ އެވެ.

ލިސްޓް ލީކްވުމާ ގުޅިގެން ސަރުކާރުގެ އެކި ފަންތީގެ ވެރިން ގެންދަނީ ލިސްޓްގައި ތިބި މީހުންނަށް ތަފާތު އިންޒާރުދީ ހަދަމުން ކަމަށްވެސް ދަ ޑިމޮކްރެޓްސް އިން ތުހުމަތުކުރެ އެވެ.

ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރަން މިދިޔަ ބުރާސްފަތި ދުވަހު ހުށަހެޅީ 3،500 މީހުންގެ ސޮޔާ އެކު އެވެ. އެކަމަކު އެ ޕާޓީ އަދި ރަޖިސްޓްރީކޮށްފައެއް ނުވެ އެވެ.