ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ދޫކުރައްވާ އިންތިހާބުވެފަ ހުންނެވި ދާއިރާ ތަމްސީލުކޮށް މަޖިލީހުގެ ބަހުސްގައި ބައިވެރިވުމަށް ބޭނުންފުޅުވާ ކަމުގެ އިޝާރާތެއް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދެއްވައިފި އެވެ.
އިންތިހާބުވެފަ ހުންނެވި ދާއިރާ ތަމްސީލުކޮށް ބަހުސްގައި ބައިވެރިވުމަށް ބޭނުންފުޅުވާ ކަމުގެ އިޝާރާތެއް ރައީސް ނަޝީދު ދެއްވީ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ މުދަލާއި ހިދުމަތުގެ އަގު ބޮޑުވުން ކޮންޓްރޯލްކުރުމަށް ސަރުކާރަށް ގޮވާލާ ގަރާރުގެ ބަހުސްގަ އެވެ.
"އަޅުގަނޑު ކެތް މަދުވެފަ ހަގީގަތުގައި ރިޔާސަތުގައި މި އިންނަނީ. އުންމީދު ކުރެވެނީ މެދު ދާއިރާ (މައްޗަންގޮޅި މެދު ދާއިރާ) ގެ ބަހުސްގައި ބައިވެރިވެވޭނެ ކަމަށް" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ވެވަޑައިގެންނެވީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރުގެ ގޮތުގަ އެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހަށް ހުށަހެޅޭ މައްސަލަތަކަށް މަޖިލީހުގެ ރިޔާސަތަށް ވާހަކަ ދައްކައި ހިޔާލުފާޅު ނުކުރެވޭނެ އެވެ.
ދާއިރާ ތަމްސީލުކޮށް މަޖިލީހުގެ ބަހުސްގައި ބައިވެރިވުމަށް ބޭނުންފުޅުވާ ކަމުގެ އިޝާރާތެއް ރައީސް ނަޝީދު ދެއްވާފައި މިވަނީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ނިންމާފައިވަނިކޮށެވެ.
މަޖިލީހުގެ ރައީސް ނަޝީދު މަގާމުން ވަކިކުރުމަށް ބޭނުންވާ ސޮއި ހަމަކުރެވިފައިވާ ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ވިދާޅުވެފަ އެވެ.