އެމެރިކާގެ ކަންޓްރީ ލަވަކިޔުންތެރިޔާ އަދި ފިލްމީ ތަރި ޑޮލީ ޕާޓަން، 76، ގެ އިމޭޖިނޭޝަން ލައިބްރަރީ މެދުވެރިކޮށް ކެލިފޯނިއާގެ ފަސް އަހަރުން ދަށުގެ ކުދިންނަށް ކޮންމެ މަހަކު ޕޯސްޓުން ހިލޭ ފޮތެއް ލިބޭ ގޮތް ހަދައިފި އެވެ.
ކުރިއަށްވުރެ ފުޅާކުރި ކެލިފޯނިއާ ސަރުކާރުގެ ފޮތް ދޫކުރުމުގެ ޕްރޮގްރާމްގެ ދަށުން، އެ ސްޓޭޓަށް އިމޭޖިނޭޝަން ލައިބްރަރީގެ ފުޅާ ކެޓެލޮގްއަށް އެކްސެސް ލިބޭނެ އެވެ. އަދި ކެލިފޯނިއާ ވެގެންދާނީ އިނގިރޭސި ބަހާއި ސްޕެނިޝް ބަހުން ފޮތް ދޫކުރާ ފުރަތަމަ ސްޓޭޓަށެވެ.
ކެލިފޯނިއާގެ ގަވާނާ ގެވިން ނިއުސަމްގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޑޮލީ އާ އެކު ކެލިފޯނިއާގެ ކުޑަކުދިންނަށާއި އާއިލާތަކަށް މިއަދު މި ހުރަސްކުރެވުނީ މުހިއްމު ލަނޑުދަނޑިއެއް ކަމަށެވެ.
ގަވާނާ ނިއުސަމް ބުނީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ފޮތް ދޫކުރުމުގެ ޕްރޮގްރާމް އިތުރަށް ތަރައްގީކޮށް އަދި ފުޅާކުރެވޭނެ ކަމަށާއި އޭރުން މި ޕްރޮގްރާމް މެދުވެރިކޮށް 2.4 މިލިއަން ކުޑަކުދިންގެ ވިސްނުން ލިމިޓެއް ނެތް ވަރަށް ފުޅާވެގެންދާނެ ކަމަށެވެ.
އިމޭޖިނޭޝަން ލައިބްރަރީ އަކީ ޑޮލީ 1995 ގައި އޭނާގެ ބައްޕަގެ ހަނދާނުގައި އާއި މީހުންގެ މެދުގައި ފޮތްކިއުމުގެ ޝައުގުވެރިކަން އުފައްދާ، އާލާކުރުމަށް އުފެއްދި ލައިބްރަރީ އެކެވެ. އަދި މި އިސްނެގުމާއެކު، އިމޭޖިނޭޝަން ލައިބްރަރީ ވަނީ އެމެރިކާގެ 50 ސްޓޭޓަށް 200 މިލިއަނަށް ވުރެ ގިނަ ފޮތް ހަދިޔާކޮށްފަ އެވެ.
މިދިޔަ މަހު ޑޮލީ ވަނީ ކަންޓްރީ ލަވައިގެ ބަދަލުގައި ރޮކް ލަވަ ކިޔާ އާޓިސްޓުންނާއެކު ކޮލޭބޮރޭޓްކޮށް، ފުރަތަމަ ރޮކް އަލްބަމް "ރޮކްސްޓާ" ވެސް ނެރެފަ އެވެ.
ޑޮލީ އަކީ ލަވަކިޔުމުގެ އިތުރުން ފިލްމު ކުޅެ، ޑޮލީވުޑް ކުންފުނި ހިންގާ، ވާހަކަ ލިޔެ، ފިލެންތްރޮޕީއަށް ލޯބިކުރާ މީހެކެވެ. އެގޮތުން ޑޮލީ، ކޯވިޑް ވެކްސިން ތަރައްގީކުރުމަށް އެއް މިލިއަން ޑޮލަރުގެ އެހީވެ، މޮޑާނާ ވެކްސިން އުފެއްދުމަށް ހަރަދުކުރި އެވެ.