ރައްޔިތުންގެ މަޖިލިސް

މުދަލުގެ އަގު ހެޔޮކުރަން ގޮވާލާ ގަރާރު ބޭރުކޮށްލައިފި

ރާއްޖޭގައި މުދަލާއި ހިދުމަތުގެ އަގު ބޮޑުވުން ކޮންޓްރޯލް ކުރުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅި ގަަރާރު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފު ހުށަހެޅުއްވި ގަރާރު ބަލައިގަތުމާ ދެކޮޅަށް 35 މެންބަރުން ވޯޓު ދެއްވިއިރު ގަރާރު ބަލައިގަތުމަށް ވޯޓު ދެއްވީ 16 މެންބަރުންނެވެ.

އާދަމް ޝަރީފު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ ޖީއެސްޓީ ބޮޑުކުރުމާއެކު ދިވެހިން ދިރިއުޅުމުގައި އާންމުކޮށް ބޭނުންކުރާ ކާބޯތަކެއްޗާއި މުދަލާއި ހިދުމަތުގެ އަގު މިދިޔަ ޖެނުއަރީ މަހުން ފެށިގެން ހަތް ޕަސަންޓު ބޮޑުވެފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރުގެ ތެރޭގައި 7.82 ޕަސަންޓު އިތުރުވެ ނިސްބަތުން ވޭތުވެދިޔަ އަހަރުގެ ތެރޭގައި 75 ޕަސަންޓަށްވުރެ އިންފްލޭޝަން އުފުލިފައިވާ ކަމަށެވެ.

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އަގުތައް 4.3 ޕަސަންޓް ބޮޑުވެފައިވާކަން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ހާމަވާ ކަމަށްވެސް ގަރާރުގައި ބުނެފައިވެ އެވެ.

އަގުތައް ބޮޑުވަމުންދާއިރު ލިބޭ އާމްދަނީން ދެކޮޅުނުޖެހޭ ގިނަ މީހުންނަށް އާމްދަނީ އިތުރުކުރެވޭނެ ގޮތެއް ނެތް ކަމަށާއި ޖޫރިމަނާ އާއި އެކި ނަންނަމުގައި ސަރުކާރަށް ދައްކަންޖެހޭ ފައިސާ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.