އެމްޑީޕީ

އެމްޑީޕީއަށް 2،500 މީހުން ސޮއިކޮށްފި

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ 12 ދާއިރާއަކަށް ނިސްބަތްވާ 2،500 އާންމު މެންބަރުން ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ -- އެމްޑީޕީއާ ގުޅިއްޖެ އެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ފޯމުތަކާ ހަވާލުވެވަޑައިގަތީ އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެވެ.

ފައްޔާޒު ވިދާޅުވީ މިއަދު އޭނާ ހަވާލުވެވަޑައިގެންނެވި ފޯމުތަކަކީ މިދިޔަ މަހު އެ ޕާޓީން މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ ހަރަކާތެއްގެ އެމްޑީޕީއަށް ސޮއިކުރި މެންބަރުން ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ބައެއް ކަންކަން ފުރިހަމަ ނުވާތީ އެމްޑީޕީގެ ބައެއް މެންބަރުން އުނިކުރިއިރު އެ ޕާޓީގެ މެންބަރުން ތިބި އަދަދަށް މެންބަރުން އިތުރުކުރުމަކީ އަމާޒެއް ކަމަށެވެ.

އެމްޑީޕީން ވަކިވެގެން ދިޔަ ބޭފުޅުން އުފައްދަން މަސައްކަތް ކުރާ ޕާޓީ -- "ދަ ޑިމޮކްރެޓްސް" އަށް ނުސީދާކޮށް މަލާމާތެއް ކުރައްވާ ފައްޔާޒު ވިދާޅުވީ 3،000 މެންބަރުން ހަމަވެގެން އެމްޑީޕީން މެންބަރުންގެ އަދަދު އިތުރުނުކޮށް ނުތިބޭނެ ކަމަށެވެ.

ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކުރަން ހުށަހެޅީ 3،500 މީހުންގެ ސޮޔާ އެކު އެވެ.

އެމްޑީޕީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނާ އެކު އެ ޕާޓީގެ މެންބަރުންގެ އަދަދު އިތުރުކުރުމަށްވެސް ނިންމާފަ އެވެ.