ބޮލީވުޑް

ރޭލު އެކްސިޑެންޓްގައި ހާލުގައި ޖެހުނު އެހީވުމަށް ސޯނޫ ސޫދު ނުކުމެއްޖެ

ކޯވިޑް-19ގެ ދުވަސްވަރު އިންޑިއާގައި ހާލުގައި ޖެހުނު އެންމެ ގިނަ ބަޔަކަށް އެހީތެރިވެދީފައިވަނީ ފިލްމީ ތަރި ސޯނޫ ސޫދެވެ. ހަމަ އެގޮތަށް ދާދިފަހުން އިންޑިއާގައި ތިން ރޭލެއް ޖެހިގެން ހިނގައިގެން އުޅޭ ހިތާމަވެރި ހާދިސާގައި އަނިޔާވި އާއިލާތަކަށް އެހީވުމަށްވެސް ސޯނޫ މިހާރު ވަނީ ނުކުމެފަ އެވެ.

އޮޑީޝާގައި ހިނގި މި ހާދިސާގައި 200 އަށް ވުރެ ގިނަ މީހުން މަރުވެ 700 އަށް ވުރެ ގިނަ މީހުން ޒަހަމްވި ކަމަށް އެންމެ ފަހުގެ ހަބަރުތައް ބުނެ އެވެ.

ސޯނޫ ޝެއާ ކުރި ވީޑިއޯއެއްގައި ރޭލު އެކްސިޑެންޓްގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށް އޭނާ އިސްނަގައިގެން ފަށާފައިވާ މަސައްކަތްތަކުގެ ތަފްސީލު ދީފައިވެ އެވެ. އަދި އޭނާ ވަނީ ހާލުގައި ޖެހިފައިވާ މީހުން ގުޅާނެ ފޯނު ނަންބަރެއް ވެސް ޝެއާ ކޮށްފަ އެވެ.

އެއާއެކު ސޯނޫގެ ފޭނުން ވަނީ އިންސާނިއްޔަތަށް އޭނާ ކުރަމުންދާ ހިދުމަތަށް ވަރަށް ތައުރީފުކޮށް ޝުކުރު އަދާކޮށް ގިނަ އަދަދެއްގެ މެސެޖުތައް ސޯޝަލް މީޑިއާގައ ޕޯސްޓްކޮށްފަ އެވެ.

އެތަނުން ބައެއް މީހުން ކުރި ކޮމެންޓުތަކުގައި ބުނެފައިވާ ގޮތުގައި ބޮލީވުޑް ތަރިންގެ ތެރޭގައި މީހުންނަށް އެހީތެރިވާން އިސް ނަގާނެ މީހަކު އެންމެ ފަހުން ވެއްޖެ އެވެ. އަދި ރޭލު އެކްސިޑެންޓްގައި މަރުވި އަދި އާއިލާގެ މީހުންނަށް ހަމްދަރުދީ އާއި ތައުޒިޔާގެ މެސެޖުތައް ސޯޝަލް މީޑިއާގައި ޕޯސްޓްކުރުން ފިޔަވައި ފިލްމީ ތަރިން އެމީހުންނަށް އެހީތެރިވުމަށް އިތުރު އެއްވެސް ކަމެއް ނުކުރާ ކަމަށް ބުނެ ގިނަ ބަޔަކު މަލާމާތްކޮށްފައި ވެއެވެ.

"އޮތީ އެންމެ ހިތެކެވެ. ކިތައް ފަހަރަކަށް ސާ (ސޯނޫ) އެ ހިތް ފަތަހަ ކުރާނަން ހެއްޔެވެ؟" ސޯނޫއަށް ތައުރީފް ކުރަމުން މީހަކު ކުރި ކޮމެންޓެއްގައި ވެއެވެ.