މޯލްޑިވިއަން

ބޮޑުއީދާ ދިމާކޮށް މޯލްޑިވިއަންގެ ދަތުރުތަކަށް ބާރުބޮޑުވެއްޖެ

ބޮޑުއީދު ބަންދާ ދިމާކޮށް ގައުމީ އެއާލައިން -- މޯލްޑިވިއަންގެ ދަތުރުތަކަށް ބާރުބޮޑުވެއްޖެ އެވެ.

ބޮޑުއީދަށް ދިމާކޮށް އެތެރޭގެ އުދުހުންތަކަށް އާންމުކޮށް ބާރު ބޮޑުވާތީ މޯލްޑިވިއަން އިން ވަނީ އެކަމަށް ތައްޔާރުވެސް ވެފަ އެެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ ސީއާރް އިން ކޮމިއުނިކޭސަން ސެކިއުރިޓީ އޮފިސަރު އަހުމަދް މުޝްއިލް ވިދާޅުވީ ބޮޑުއީދު ބަންދާ ގުޅިގެން މޯލްޑިވިއަންގެ ދަތުރުތަކަށް ބާރުބޮޑުވެފައިވާތީ ބައެއް މަންޒިލްތަކަށް ފްލައިޓްތައް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.

ފްލައިޓް އިތުރުކުރުމަށް ނިންމާފައިވާ ކަމަށް މުޝްއިލް ވިދާޅުވި ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ހިއްސާކުރައްވާފައެއް ނުވެ އެވެ.

މުޝްއިލް ބޮޑުއީދު ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ރިޒަވޭޝަން އަދި ބުކިންގްސް ލިބިފައިވާ ކަމަށެވެ. އަދި ބައެއް މަންޒިލްތަކަށް ޖާގަތައް ފުލްވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

އީދު ބަންދާ ދިމާކޮށް މިމަހުގެ 15 ވަނަ ދުވަހު މޯލްޑިވިއަންގެ ދަތުރުތައް އަލުން ދަރަވަންދޫއަށް ފަށަން ނިންމާފައިވާތީ މިދަތުރުތަކާ ދިމާކޮށް ހާއްސަ ޕްރޮމޯޝަނެއް ކުރިއަށްދާނެ ކަމަށްވެސް މުޝްއިލް ވިދާޅުވި އެވެ.

"މި ޕްރޮމޯޝަންގެ ދަށުން ދަރަވަންދޫ ދަތުރުތަކުގެ ޓިކެޓްގެ އަގުން ހެޔޮ ބަދަލެއް ފެންނާނެ،" މުޝްއިލް ވިދާޅުވި އެވެ.