ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާއިން ނަގައިފި އެވެ.
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އާދިއްތަ ދުވަހަށް އެޖެންޑާކުރި އެވެ. ނަމަވެސް މައްސަލަ އެޖެންޑާއިން ނެގީ މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާލުމުގެ މަސައްކަތް ނުނިމޭތީ އެވެ.
މަޖިލީހުގެ ނައިބު ރައީސް އީވާ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. އީވާ މަގާމުން ވަކިކުރުމުގެ މައްސަލައިގައި އެމްޑީޕީގެ 50 މެންބަރުން ސޮއިކުރި އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެންބަރުން އިސްނަންގަވައިގެން އީވާ މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އީވާ އިސްވެ ހުންނަވައިގެން "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ މަސައްކަތުގައި އަމަލީ ގޮތުން އުޅުއްވަން ފެއްޓެވުމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (އ)ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނައިބް ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރުމުން މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް މަގާމުން ވަކިވީ ކަމަށެވެ.
އެމްޑީޕީގެ މަޖިލިސް މެންބަރުންތަކެއް އެ ޕާޓީން ވަކިވުމުން މަޖިލީހުގެ ކޮމިޓީތަކަށް ބަދަލު ގެންނަން ޖެހޭއިރު އެކަމުގައި ޕާޓީތަކުގައި އެއްބަސްވުމަކަށް ނާދެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވި އެވެ.