ބޮލީވުޑް

ރަންދީޕް ހޫޑާ "ސަރަބްޖިތް" އަށް 28 ކިލޯ ހިއްކާލައިފި

Feb 8, 2016

ކުރިއަށް މިއަހަރު ބޮޑެތި ފިލްމުތައް ރިލީޒްވުމަށް ހަމަޖެހިފައި ހުރިއިރު، މިފިލްމުތަކުގެ ތެރެއިން ބައެއް ފިލްމުތަކުގެ ލީޑްރޯލު ކުޅޭ ތަރިން މުޅިން އާ ސިފަތަކަކުން ފެނިގެންދާނެ އެވެ.

"ޑަންގާލް" އަށް އާމިރް ޚާން 25 ކިލޯ ބަރުދަން އިިތުރުކޮށްފައިވާއިރު، ސަލްމާން ޚާން ވެސް ވަނީ "ސުލްތާން" އަށް ބަރުދަން 94 ކިލޯއަށް ޖައްސާލާފަ އެވެ. މިދެތަރިން ބަރުދަން އިތުރުކޮށް ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފައިވާއިރު، ރަންދީޕް ހޫޑާ ވަނީ އޭނާ މިހާރު ކުޅެމުން އަންނަ "ސަރަބްޖިތް" އަށް 28 ކިލޯ ހިއްކާލައި، ބެލުންތެރިން ހައިރާންވާވަރުގެ ބޮޑު ބަދަލެއް ހަށިގަނޑަށް ގެނެސްފަ އެވެ.

ރަންދީޕުގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފައިވާ ކަން ފެންނަ ފޮޓޯއަކީ މިފިލްމުގެ ފުރަތަމަ ޕޯސްޓަރެވެ. ފިލްމުގެ ފުރަތަމަ ޕޯސްޓަރުން ފެންނަ ގޮތާއި ކުރީގެ ފޮޓޯއަކާއި އެކު ރަންދީޕު ކުރި ޓްވީޓެއްގައި ވަނީ "ދޯ ލަފްޒޯކީ ކަހާނީ" ކުޅުނު އިރު ހުރި 94 ކިލޯއިން "ސަރަބްޖިތް" ކުޅުމަށް 66 ކިލޯ އަށް ހިއްކާލާފައިވާ ކަމަށާއި އެއް އަހަރެއްގެ ތެރޭގައި މިހާބޮޑު ބަދަލެއް ގެނައުންވީ ރޯލާކޯސްޓާ ރައިޑަކަށް ކަމަށް ބުނެފަ އެވެ.

އަށާވީސް ދުވަހުގެ ތެރޭގައި 28 ކިލޯ ރަންދީޕް ހިއްކާލާފައިވަނީ "ސަަރަބްޖީތު"ގައި އޭނާ ކުޅޭ ޕާކިސްތާނަށް ޖާސޫސްކޮށް ޓެރަރިޒަމްގެ ހަމަލާތައް ދޭން ރޭވިކަމަށް ބުނެ ޕާކިސްތާނުގެ ޖަލަށްލައި ވަރަށް އަނިޔާވެރިކޮށް ގެންގުޅުނު މަންޒަރުތައް ނެގުމަށެވެ.

ބަރުދަނުން މިހާ ބޮޑުތަން ލުއިކުރި ގޮތާއި ބެހޭގޮތުން ނޫސްތަކަށް ދިން އިންޓަވިއުއެއްގައި ރަންދީޕު ވަނީ އޭނާ 28 ދުވަހު އުޅެފައިވަނީ އެއްވެސް ގޮތަކަށް ނުކައި ހަމައެކަނި ކޮފީ އާއި ފެން ބޮއެގެން ކަމަށާއި މިޑައެޓް އޭނާ ފުރިހަމަ ކޮށްފައިވަނީ މިކަމަށް ހާއްސަ ޑޮކްޓަރަކާއި އޭނާގެ ދައްތަގެ އިރުޝާދުގެ ދަށުން ކަމަށެވެ.

މީގެއިތުރުން ވެސް ފިލްމުގެ ޑައިރެކްޓަރު އޮމަންގް ކުމާރު ވަނީ ސަރަބްޖިތް ޕާކިސްތާނުގެ ޖަލުގައި އޮންނަ މަންޒަރު ނަގަން، ރަންދީޕު ކައިރިން ހަށިގަނޑު ކަށިތައް ފެންނަ ވަރަށް ބަރުދަން ލުއިކުރަން އެދުމުން އެގޮތަށް އޭނާ ހަށިގަނޑަށް ބަދަލުގެނައި ކަމަށާއި އެގޮތުން 28 ދުވަސް ފަހުން އޭނާ ފިލްމުގެ ޝޫޓިން އަށް އައިއިރު ހަށިގަނޑު ހުރި ގޮތުން ވަކި މީހަކު ވަކިކުރަން ވެސް ނޭނގުނު ކަމަށެވެ.

މެއި މަހުގެ 19ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މިފިލްމުގައި އައިޝްވާރިޔާ ރާއީ ފެނިގެންދާނީ ސަރަބްގިތް ސިންގްގެ ކޮއްކޮ ދަލްބީރް ކޯރްގެ ރޯލުންނެވެ. އަދި އޭނާގެ އަންހެނުންގެ ރޯލުން ފެނިގެންދަނީ ރިޗާ ޗައްޑާ އެވެ. އައިޝްވާރިޔާ މިފިލްމުގައި ފެނިގެންދާނީ 23 އަހަރު ވަންދެން ޕާކިސްތާނުގެ ޖަލުގައި އަނިޔާވެރިކޮށް ގެންގުޅެނިކޮށް މަރުވި ބޭބެއަށް އިންސާފު ހޯދަން މަސައްކަތްކުރާ މީހެއްގެ ގޮތުގަ އެވެ.