ކަނޑު އޮތް ގިރި

ނޭވާލާން އަަވަސް މާލެއިން ބޭރަށް!

ހަމަ ހުވަ އެވެ؛ ސިޔާސީ ހެލުންގަނޑުގައި އަހަރެމެން ހާދަވަރަކަށް ހަލުވަ އެވެ. މުޒާހަރާތަކުގައި ދުވެދުވެ ވާޅުވެ އެވެ. ސިޔާސީ ނުތަނަވަސްކަމާއި ނިއުސް ރޫމުގެ ބިޒީގަނޑުން އަވައްޖެއްވާން ވަރަށް ބޭނުމެވެ. އަސްލު އަރެމެން ނޫސްވެރިން މިތިބެނީ ނޭވާ ނުލެވި ލޮޑުވެފަ އެވެ. "ބްރީތް އިން ބްރީތް އައުޓް" ހަދާލައި ހައްޓަށް ނޭވާ ފައްތައިލަން ބޭނުމެވެ. ޓީމް "އަވަސް" ގެ ދަތުރެއް ރޭވުނީ ވެސް އެހެންވެ އެވެ. އެ ދަތުރެއްގެ ވާހަކަ ދެކެވުނު ހިސާބުން ފެށިގެން ހުރީ މާލެއިން ބޭރުވާން ކެތް މަދުވެފަ އެވެ. އެކަމަކު ދަތުރުގައި އަހަރެމެންގެ އެޑިޓަރު މުންޑޫ އާދަމް ހަލީމް "ރޫލްސް" އޮންނާނެ ގޮތް ނޭނގޭތީ ބިރުގަތެވެ. ކޮންމެ ފަދަ ކަމަކަށް ވެސް ހުކުމް އިއްވާފާނެ އެވެ. ދަތުރަށް އެރުމުގެ މާކުރިން ވެސް ގަޑިއަށް ފުރަން ނުގޮސް "ނިދާ މިޔަރުގެ މަސް ކައިގެން" ނިދާފައި އޮންނާނީއަކީ ނޫނޭ އަހަންނާދިމާއަށް ބުނެ ލޯ އަޅައިފި އެވެ.

5 ފެބުރުއަރީގެ މެންދަން: އެހެންނާ ކަންނެއްވެފައި އޮންނަ އަހަންނަށް ރޭ ވަރަށް ދިގުވެއްޖެ އެވެ. ފަތިހު ފަހެއް ޖެހީ ވެސް ގަޑިބަލަން އޮއްވަ އެވެ. ފުރަން އޮތް ގަޑިއަށް ވުރެ މިނެޓެއްވެސް ލަސް ނުވާން ވެގެން ދަބަސް އަޅައިގެން މާ ކުރިން އަހަރެން ބަނދަރަށް ދިޔައިރު ހަރާން އެކަކުވެސް ނެތެވެ. ކެމެރާތަކާއި ގޯޕްރޯތައް ހިފައިގެން މީހުން ޖަމާވާން ފެށީ އެތާ ހުރެހުރެ އެތައް ފަހަރަކު ދެފައި އައްސިވި ފަހުންނެވެ. އެތައް ބަޔަކު އަހަންނަށް ދިމާއަށް ބަލައި ލަދުން ހަލާކުވި ފަހުންނެވެ. ގަޑި ނުޖެހި އަހަރެން ދިއުމުން ވެސް ވީ ރަނގަޅެއް ނެތެވެ. އެކަމާވެސް ދިމާކުރީ އެވެ.

މިއޮތީ ކަނޑު އޮތް ގިރިއަށް އާދެވިފައެވެ؛ ބޯޅައެއް ކަހަލަ ކުޑަކުޑަ ރަށެކެވެ. ރޯ ގޮހިރާ ތިބެ ސީދާ މިރަށަށް ވައްޓައިލީ ހެނދުނުގެ ސަޔަށެވެ. ނޫން، މަށަށް އޮޅުނީ އެވެ. އަހަރެމެނަށްޓަކައި އަދި މިރަށުގެ "ކަނޑު އޮތް ގިރި ކެފޭ" ގެ ދިގު ސުފުރާ އެއޮށް ތައްޔާރުވަނީ އެވެ. ސައި ރެޑީ ވަންދެން އަހަރުމެން ކުރި ކަމަކީ މޫދަށް ގާ އުކީ އެވެ. މިކަމެއް ފެށީ މި ޓީމާ އަލަށް ގުޅުނު އަދިކިރިޔާ 18 ވާންދާ ކުޑަކުޑަ ބޮކެއްވަރުގެ އަޒާން އެވެ. އެ އަޒާން ފާޑަކަށް އަރިވެލާފައި ހޫރައިލާ ގާބުރި މޫދުގެ ރާޅުމަތިން އެތައް ތަނަކުން ކަޓުވާފައިވާ ޕިންޕޮން ބޯޅައެއްހެން ފޮނުވާލަނީ އެވެ. އަހަރެމެން އެންމެނަށްވެސްވީ އެކަން މަޖާ އަދި ޓެސްޓްކޮށްލާ ހިތްވި ކަމަކަށެވެ. ފެނުން ކަޓުވާފައި އެންމެ ދުރަށް ގާއުކެނީ ކާކަށްތޯ ބަލާން ޖެހިއްޖެ އެވެ.

އަޅެ، އަހަރެން ނޫން އެންމެން ގާ އުކައިފި އެވެ. އަހަންނަކަށް ނުވި އެވެ. އެކަން ވެސް އެ ނިމުނީ އެވެ. މިހާރު ކެފޭގެ ދިގު ސުފުރާ އެއޮތީ އަހަރެމެނަށްޓަކައި ހުޅުވާލާ އެވެ. ވަރުގަދަ ބުފޭއެކެވެ. މާލޭގެ ރަނގަޅު ރެސްޓޯރެންޓެއްގެ ބްރެކްފާސްޓަކުން ލިބޭނެ ހުރިހާ އެއްޗެއް ހުއްޓެވެ. ބުފޭ ފެނިފައި އަހަރެމެނަށް އުޅެނުވީ ކާޅުބައިގަނޑެއްހެނެވެ. ވަރުތަކެއްކޮށްލެވޭނެއޭ ހިތައި ކޮންމެ މީހަކު ދޮލަނގެއްހާ ބޮޑު ތަށީގެ ހުދުކަން ގެއްލޭވަރަށް އަޅައި ފުރައިލި އެވެ. އަސްލުގައި ކާން ފޯރި ހުންނަ އަހަރެމެންގެ ކްރިއޭޓިވް އެޑިޓަރު އަޕޯ އެވެ. އަސްލު އަހަރެން ހިތަށް އެރިއެއްޗެއް ބުނެފާނެމެވެ. އަޕޯގެ އޮންނަނީ ބަނޑެއްގެ ބަދަލުގައި ކަނޑެކެވެ. އެއޮށް ހެނދުނު ވަރަކަށް ކެއެވެ. އެވަރަށް ކަމުން ކަނޑުއޮށް ގިރީގެ ޝެފަކީ ގަދަ މީހެކޭ ވެސް އަޕޯ ކިޔެއެވެ.

ސަޔަށްފަހު ރަށު ތެރެ ބަލައިލަން އަހަންނާ މޫސައާ ނާޒިމާ އައިންތު ހަތަރު މީހުން ނައްޓާލައފީމެވެ. ރަށް ކުޑައަސް ބޮޑު "ސްޓޯރީ" އެއް ލިބިދާނެ ކަމަށް ބަލައިގެނެވެ. މިހެން ހިނގާލާއިރު މިއީ ސައިމަލުގެ ކުޑަ ބަގީޗާއެކެވެ. އެއްކޮށް ރަތްކޮށްފައިވާ ސައިމާތައް ފޮޅިފައި ތިބޭއިރު ހީވަނީ އަހަރެމެނަށް ފޮނި ދައްކާލާންވެގެން ވަޔާ ހެލުވޭހެނެވެ.

ހަނި މަގުތަކުން ހިނގާފައި ދަނިކޮށް އާ ކަމަކާ ދިމާވެއްޖެ އެވެ. ފޭރާއެއްހާ ހިމަ އަހަރެން ނޫން އެންމެނަށް ކާށި ހެހޭ ފޭރާވީ މުޅިން އާއެއްޗަކަށެވެ. ހަގީގަތުގައި މިހާރުގެ ދަގަނޑު ފޭރާއަކީ އަހަންނަށް ވެސް އާ ވައްތަރެކެވެ. އެއޮށް ފެށުނީ ކާށި ހެހުމުގެ ކުޅިވަރެވެ. އެކަން އެންމެނަށްވީ ވަރަށް މަޖާ ކަމަކަށެވެ. ފޭރާ މައްޗަށް ވެއްޓިގަނެ ލޫދިގެން އަހަރެން އެވަރުން ހެހުނު ކާށިވީ ކުރޮޅިއަކަށެވެ. އަރައިގަތް ރުޅިއަކުން ދެވަނަ ކާއްޓެއް ހެހެން ވެސް ފޫހިވެއްޖެ އެވެ. އެ ސަކަރާތުގެ ތެރެއަށް އަޕޯ އާއި އިރުޝާމް ކުޑަ ދެ މަސްކިޓީޒް، އަޒާން އާއި ޝުރާއު ވެސް ވައްޓާލައިފި އެވެ. އެމީހުންނަށް ވެސް ކާށި ހެހުންވީ މަޖަލަކަށެވެ. މިރަށުގެ ބަންގާޅު މުވައްޒަފުންނާއެކު ކާށި ހެހޭން އިރުގަނޑަކު ތިބީމެވެ.

ދެން ނައްޓާލީ ބީޗް ފެނޭތޯ އެވެ. އަހަރެމެން އަންހެންވެރިންނެވެ. އަހަންނާއި އައިންތު އާއި ތިއްތި އާއި ތިން މީހުންނެވެ. މި ދަތުރުގެ ބައިވެރިވި އަންހެނުންނަކީ އަހަރެމެން ތިން މީހުންނެވެ. ފަނި ހަދާފައި އެކަކު ނާދެ އެވެ. އެހެން މިރަށުގައި އަހަރުމެން ތިން މީހުނަށް ގާތްގަނޑަކަށް އުޅެވުނީ "އިނދެގެން" ނެވެ. ގާމަތީ ރަށަކަށްވާތީ އަސްލު ހުދުފަހެއް ނޯވެ އެވެ. އޮތީ ވޮޑިފައި އޮތް ކުޑަ ވެލިކޮޅެކެވެ. އަހަރެމެނަށް ހާއްސަކޮށް ވޮޑިފައި އޮތް އެ ކުޑަކުޑަ ބީޗަށް ފޭބުމުގެ ކުރިން މާ މާޖާ ކަމެއް ފެށިއްޖެ އެވެ. ގާޑިއާ ދެމުމެވެ. އެއް ބަޔަކު ގާޑިޔަލަށް ލައިގެން އަނެއް ބަޔަކު ދަމަނީ އެވެ. މިރަށުގައި ފުޓުބޯޅަ ކުޅޭ ހުސް ތަނާއި ހަމައިން ދެ ގާޑިޔާ ލިބިއްޖެ އެވެ. ރޭޙެއް ޖެހުމުގެ ހިޔާލު އައީ އެ ހިސާބުންނެވެ.

ދެ ޓީމަކަށް ބަހާލައިގެން ގާޑިއާ ދަމަން ފެށި އިރު ޝުރާއު ބެހެއްޓީ ފޮޓޯ ނަގާށެވެ. އެ ފޮޓޯތައް ލިބޭނެ ކަމެއް ނޭނގެ އެވެ. އާންމުކޮށް އޭނާ ނަގާ ފޮޓޯ އަރަނީ މައްޗަށް ކަމެއް ފައިބަނީ އަޑިއަށް ކަމެއް އޮންނަނީ ނޭނގިފައެވެ. އަބަދުވެސް ބުނަނަނީ "ނެގީމޭ" އެވެ. ނުއެއް ފެނެ އެވެ.

ކުޅިވަރު ފެށުނީ އެވެ. އަހަރުމެން ޓީމުގައި ތިބީ މަށައި މަގޭ ފޭވަރިޓް މޫސަ އަދި އައިންތުއާ އަޒާނެވެ. ކުޑައަސް އެ އޮއް ފަލަ އަޒާން ލައިގެން ގާޑިއާ ދެމުމަކީ ވާވަރުގެ ކަމެއް ނޫނެވެ. މޫސަ ގާޑިއާ ދަމާފައި އައި ރޭޙުގެ ގަދަ ފޯރީގައި ޖެހި އައިންތު އެއްލާލާފައި އާދެވުނު ކަންވެސް އޭނާގެ ހަނދާނަކު ނެތެވެ. އަވިއްސެއް ކަހަލަ އައިންތު ވިއްސައިގެން ދިޔަމަންޒަރު ހީނހީ ހަލާކުވާނެ އެވެ.

"ޔޭ އައި ވޮން" ފީލްގައި މޫސަ ދަތްޕިލަ ރޮނޑަށް ދިނެވެ. އެކަމަކު ގާޑިއަލުގައި އައިންތު ނެތުމުން އަހަރުމެން ޑިސްކޮލިފައިވީ އެވެ. ސަކަރާތުގައި ތިއްބައި އެއްމެން ގެސްޓް ހައުސްއަށް ހާޒިރުވާން އަންގައިފި އެވެ. ބިރު ގަންނަ ގޮތްވި އެވެ.

އިރުގަނޑެއް ފަހުން މިރަށުގެ އޮޕަރޭޝަންގައި އިސްވެ ހުން ހަސަނާއެކު އަހަރުމެން ނައްޓާލީމެވެ. މި ރަށުގެ ބޮޑު ބިޔަ މަސް ފެންގަނޑު ކައިރިއަށެވެ. އެތަނުން އެރީ ވޮލީ ކޯޓަށެވެ. މިތާނގައި ދުވަހަކު ވޮލީ ބޯޅައެއްގައި އަތްލި މީހަކު ވެސް ހުރިހެނެއް ހީއެއްނުވެއެވެ. ކޮރަކަލިތަކެއްހެން ކޯޓުތެރޭ އެނބުރި އެނބުރި ތިބީ އެވެ. ވޮލީއަށްފަހު ފުޓުބޯޅަ ފެށިއްޖެ އެވެ. ހުސް "އޮށްގަލާއި އަކިރި" ވިނަ ހައްދާފައިވާ ދަނޑެކެވެ. އަރި އަޅާލައިފިތަ ތެދުވާން ޖެހޭނީ ހަމެއް މަށާލައިގެނެވެ. އެހާވެސް އަރާމު ދަނޑެކެވެ. އެތާނގައި އެމީހަކަށްވީވަރެއް ކުރީ އެވެ. އަސްލުގައި ބޯޅައަށް ފިޓްވާ މީހަކަށް ހުރީ މަގޭ ފޭވަރިޓް މޫސަ އެކަންޏެވެ. އޭނާ އަކީ އޯލް އިން ވަން އެއް އެވެ. މިކަމެއް ހުއްޓުނީ ހުރިހާ އެންމެންގެ ދަށްފައިން ފޮޅުލައި އެންމެން ވާތާވެ ގުނބު ހިލި ހިރި ނުލެވޭ ހިސާބަށް ދިއުމުންނެވެ. އެއްކަލަ އައިންތުވެސް އެއޮތީ ފައި ދުޅަކޮށްލައިގެނެވެ. ލެންސް ނުލައްވާ ކުޅެމު އައިސް އައިންތު ހުރާލި ފައި ޖެހުނީ މަގޭ ކަކުލުގަ އެވެ. އައިންތުގެ ފައިތިލާގައި އައިސް އަޅައި ދިނީ މިރަށުގެ ހަސަނެވެ. އެ ގޮތް އައިންތުއަށް ކަމުދެ އެވެ.

އަނެއްކާވެސް އާ ކުޅިވަރެއް ފެށިއްޖެ އެވެ. މިއަށް ކިޔަނީ "ބޮސް" އެވެ. ބައިވަރު ދަޅުތަކެއް އެއްކޮއްގެން ކުޅޭ ކުޅިވަރެކެވެ. އަހަރެންގެ ވަޒަން، ވައިކަރަދޫގައި "ބޮސް" ކުޅެނީ އަސްލު މިހެނެއް ނޫނެވެ. މި ނޫނަސް ބައިވަރު ގޮތްގޮތަށް "ބޮސް" ކުޅޭނެ އެވެ. "ބޮސް އިޒް އޯލްވޭޒް ރައިޓް" ވިއްޔާ އެވެ.

"ދެން ހިނގާ ވަރުބަލި ފިލުވާލަން. ވަރަށް ލޮޑުވެއްޖެ" މޫސަގެ ފައި ހަލާކުވިތާ އިރުކޮޅެއް ނުވެ ވެއްޓި ލެޑިފައި ނާޒިމުގެ ކަކޫވެސް ގުޑައިފި އެވެ. އެ ހިސާބުން އަހަރެން ވެސް "ބޮސް" ކުޅެން ވައިވީ އެވެ.

އެންމެނަށް ވެސް ފޯނުން ގަޑި ބަލައިލެވުނެވެ. އައްދެ، މިއޮއް ހުރިހާ ގަނޑެއް ގަތް އިރު އަދި ކިރިޔާ ގަޑިން 10 އެއް ޖަހާން ދަނީ އެވެ.

"ކަމެއް ނުވި ދޯ؟" ގަޑީގެ ވާހަކަ ބުނުމުން އަފްރާ ބުނެލި އެވެ. އެއީ ތެދެކެވެ. އެހެންނާ ފަތިހު ހޭލައި ހަބަރުތަކާއެކު ދުވަސް ފަށައިގެން ރަނގަޅު ހަބަރެއް ނޫފެއްދެނީސް އޮންނަނީ އޮއްސިފަ އެވެ. މި ދަތުުރުގެ މިހާ ހިސާބަށް ވެސް އަހަންނަށް އިހުސާސްވީ އަހަމެންގެ އާންމު ޝެޑިއުލްގެ ބުރަކަމާއި ބިޒީ ކަމެވެ. މިއަދު މިހާރުވެސް ބޮލަށް ލުއިވެ ސިކުނޑިން ބަރު ފިލައިފި އެވެ. ނާޒިމްމެން އެލިޔާ ޑައިޓްގެ އާޓިކަލްތަކުގައި ބުނާ ކަންކަން ނުކުރިޔަސް މިއީވެސް ރަނގަޅު ޑައެޓެކެވެ. މަހަކު އެއްފަހަރު ދަތުރެއް ދިއުން މިއީ ސިކުނޑީގެ ބަރުދަން ލުއި ކުރަން އެންމެ ރަނގަޅު ފަރުވާ އެވެ.

މިހާރު އެއްކަލަ ކުޑަ ދޮންވެލިކޮޅަށް އަހަރެމެން މި ފޭބީ އެވެ. މީ އަހަރެމެނަށް ހާއްސަ ބީޗެކެވެ. ހުދު ވެލިގަނޑުމައްޗަށް ފޫ ހަރައި ވެއްޔާ ކުޅުންވީ މި އަޕޯމެނަށް އަފްރާމެނަށް ފޫއްސަކަށެވެ. އެމީހުން ނައްޓާލީ މަސް ބާނާށެވެ. އިސްކޮށް ހުރީ އަފްރާ އެވެ. އެވެ. މަސް ބޭނުމާ މަސް ހިފަން މިވަރު ފޯރިއެއް ނަގާ ފިރިހެނެއް މަށެއް ދުނިޔޭތާކުން އަދި ނުދެކެމެވެ. އޭނާގެ އެއޮއް އަނގަ އެއްވެސް ތަޅުވާ ތަޅުވާ ބޯ ހަލާކުކޮށްލަ އެވެ. އައްދެ، އަފްރާ އެއޮށް ބޭނީ މަހެކެވެ.

އަހަރެމެނަށް ދުއްވައި ގަނެވިއްޖެ އެވެ؛ ބޮޑު ބޮޑު، ރީތީ ރީތީ ދަތްފުކު ރޮނޑެކެވެ. އަހަނ، އަނެއްކާ އަޕޯ އާއި އިރުޝާމްވެސް އެއޮއް ބޭނީ އެވެ. އެންމެ ވަށާލައިފި އެވެ. ގޮނޑުދޮށުގައި މަސް ބާނާން ދުވަން ފެށިއްޖެ އެވެ. އެކަމަކު ރާޅު ފޮނުން ފައި ތެންމާލުމާއެލު ދެ ފައިތިލައިން ނަގައިގެން ދިލައިން މަސް ބޭނުން "ގިވް އަޕް" ކޮށްފައި ތިން އަންހެނުން ގޮސް އެރީ ކަނޑު އޮތްގިރީ އުނދޯއްޔަށެވެ. މި އުނދޯލީގައި މިހެން އިންނަ އިރު ކާފައާ މާމަގެ މަތިން ހަނދާންވެއެވެ. ވައިކަރަދޫގެ މަލަ ލޯމައްޗަށް ފެންނަ ކަހަލަ އެވެ.

މެންދުރުވަނީ އެވެ. ނާޒިމާއި ނާއިފު ނިއުސް ރޫމް ހަދައިގެން އެމްއެމްޕީއާރްސީގެ އޮޑިޓް ރިޕޯޓްގެ އިންތިޒާރުގައި ތިއްބެވެ. ހަވީރު އެމްޑީޕީން ބާއްވާ މުޒާހަރާ ކަވަރު ކުރާނެ ގޮތް ވެސް ރޭވީ އެ ދެމީހުންނެވެ. ވަގުތު ދިޔަ ނުދިޔަ ގޮތް ނޭނގި ހުއްޓާ ހުކުރުގަޑި ގޮސް މެންދުރުގެ އެއޮށް ވަރުގަ މީރު ކެޔުމާއެކު ލޮޑުވެ ނިދައިލެވިއްޖެ އެވެ. ދެން ހޭލެވުނު އިރު ހަވީރުވެއްޖެ އެވެ. މުޅި ރަށުގައި ދުވެ ކުޅެ، ރުއްގަހަށް އަރައި ކޮފީބޯއެ ހެދި އިރު އިރުއޮއްސެނީ އެވެ، ގައިގައި ނުރިއްސާ މަސްކޮޅެއް ކަށިކޮޅެއް ނުހައްދަވަ އެވެ.

ރަން ކުލައިގެ ބޮޑު ބިޔަ އޮރެންޖެން ހުރިއިރު ދެބައިކުޅަ އެއްބައި ފެނުގެ ތެރެއަށް އެއޮއް ގެއްލެނީ އެވެ، ބަނދަރުގެ ބޮކިތައް އެހެރަ ދިއްލުނީ އެވެ. ރަށް ވަށައިގެން ޑިންގީތަކުގައި ނުކުމެ މީހުން މަސް ބާނަނީ އެވެ. މާ ގިނަ ބަޔަކު ތޮށިމަތީގައި ދުވެ އުޅޭތީ އަހަރެމެނަށް ވެސް ދުއްވައިގަނެވުނީ އެދިމާ އަށެވެ. އެތަކެއް ސަތޭކަ މަޑި ތިލަވެފައި އޮތީޔޯލަ އެވެ. ބަލައިލާން ބޭނުމެވެ. އިރުއޮއްސޭ އެ މަންޒަރާއެކު މަޑިތައް ބޮކީގެ އައްޔާއި ރާޅުގެ ކުދި ބާނިތަކަށް ނަށައި ވައްތަރު ޖައްސާ ހާދަ ހިތްގައިމެވެ، މަގޭ ފްރެންޑް، އައިންތު ހައިރާންވެ އަނގަހުޅުވިފައި ހުރީ ކިތައް މިނެޓަށްކަމެއް ނޭނގެ އެވެ ގައިމުވެސް އެ އަނގަ ހުރީ ތަންމިނަށް ހުޅުވިފަ އެވެ. މަށަށް އަޅެ ގޯސްކަމެއްވެސް ކުރެވިއްޖެ އެވެ. ހޫރައިލި ގަލަކު މަޑިއެއްގެ ގައިގައި އަޅައި ވިހެލެވިއްޖެ އެވެ. -- ފީލިން ސޮރީ

މިކަހަލަ އެތައް ސަކަރާތެއްގައި އުޅެނިކޮށް މަސް ބާނައިގެން އަފްރާމެން މަސް ފިހެން ފަށައިފި އެވެ. އެހަރަ ރޯކޮލި ބިޔަ އަލިފާންގަނޑެއްގެ ހުޅު ފަޅާލާފައި ހުރީ މާ މައްޗަކަށެވެ. ހޫނު ގަދަކަމުން ހަތަރުދަން ފަށަށް ކައިރު ނުވެވެ އެވެ. މަސް ފިހާން ލައިފި އެވެ. މީރު ވަސް ފަތުރާލައިފި އެވެ. ކުޅު ދިޔައިކޮށްލައިފިއެވެ. ބަނޑުހައި ވެއްޖެ އެވެ. ކާ ހިތްވާން ފަށައިފި އެވެ.

ކާން ވަން އިރު އޮތީވާ ކަމެކެވެ. މިތާނގައި ނެތީ ކޯންޗެއްހެއްޔެވޭ؟ ބޮޑުކޭމަކަށް ފުދޭވަރަށް މިއޮތީ ކައްކާ އަޅާފައެވެ. އަފްރާމެން ފިހުނު މަހާއެކު އެންމެނަށް ކެވުނީ ޅިސް ޖެހެންދެނެވެ.

ކެއުމަށްފަހު އެންމެނަށް އިރުގަނޑަކު ތިބެވުނީ ހަނދުވަރުމަތީގައި އޮޑިޓް ރިޕޯޓްގެ ވާހަކަ ދައްކާށެވެ. މަޑުމަޑުން ބައިބަޔަށް ގެއްލެން ފަށައިފި އެވެ. ބައެއް މީހުން ލަވަ ބާޒީ ކުޅެނީ އެވެ. މަށާ ނާޒިމާ ވެސް ހިމެނުނީ އެބައިގައެވެ. ވަރަށް ދަންވަންދެން މޯޑިވިއަން އައިޑޮލް އަށްވުރެ އަހަރެމެނަށް ކަމުދިޔައީ ލަވަ ބާޒީ އެވެ. އެންމެ ފަހުން "ޑީ" އަކުން ފެށޭ ލަވައެއް ނޭނގި އަހަރެމެން ޓީމް ފޭލިވެގެން ޒުވާބުކޮށްފައި ނިންމާލި މޯލްޑިވިއަން އައިޑޮލްގެ ޝޯ ނިމި އޮލަވެފައި އޮތީ އަސޭލާގެ ވާހަކައެވެ. އެންމެން ހިމޭންވެ ގުގުރީގެ މިއުޒިކަށް ބަދަލުވީ މެންދަމުން އަލިވި ފަހުންނެވެ.

އާ ދުވަހަކަށް ހޭލެވިއްޖެ އެވެ. ހުޅުތަކާއި މަސްގަނޑުގައި ރިހޭވަރުން ނުތެދުވާން އެތައް އިރަކު އޮވެފައި ވެސް ތެދުވީމެވެ. އެ ވޭނުގައި ނުކުމެ ހެނދުނު ސައިބޮއެގެން އުޅުނީ އިންޓަވިއުގެ މަސައްކަތުގަ އެވެ. އަލަށް އޮން ކެމް ހަދަން އުޅުނު ހާލު ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ އެވެ.

މެންދުރެއްހާއިރު އަނެއްކާވެސް އޮތީ މަސް ދަތުރު ދިޔުމެވެ. އައިންތުވެސް މަށާނުލާ ދާކަށް ބޭނުމެއް ނުވެ އެވެ. އަހަރެންވެސް ބޭނުންވީ އެގޮތެވެ. އެކަމަކު ޑިންގީން އިތުރަށް ލިބެން އޮތީ ހަމަ އެންމެ ޖާގައެކެވެ. އެހެން ކަމުން މަސްްބާނަންދާ ހިޔާލު ދޫކޮށްލުމަށްފަހު އަނެއްކާވެސް ދިޔައީ ވޮލީ ކުޅޭށެވެ. ދެން ނައްޓާލީ މިރަށުގެ ބަންގާޅު ޖިމަށެވެ. މިއީ ކަނޑު އޮތް ގިރީގައި ހުންނަ ބަންގާޅު ޖިމެވެ. އުކާލާ ތަކެތި ބޭނުންކޮށްގެން ކަސްރަތުގެ ސާމާނު އުފައްދައިގެނެވެ. ވަރަށް ފައްކަލެވެ. ޖިމުން ނުކުމެގެން ދެން ދިޔައީ އެކަނި ހިނގާލަން ކަމަށެވެ. ގަސްތަކުތެރޭ ފޯނުން ލަވަޖަހާލައިގެން ހިނގާލަ ހިނގާލަ ހުރެވުނީ ކިހާއިރަކު ކަމެއް ނޭނގެ އެވެ. ވަރަށް ހިތްގައިމު މާހައުލެކެވެ. ދެން ޖެހުނީ ދުއްވައިގަންނާށެވެ، ފުރާ ގަޑިޖެހުނީ އެވެ. އަޅެން އަހަރެން ދުވެފައި ފުރަން އާއިރު މިރަށަށް އައި ގޮތަށް ނިދާ މަރުވެފައި އޮތް އެޑިޓަރު، އެޑަމް ދެލޯ ފުހެމުން އަދި ކިރިޔާ ތެދުވަނީ އެވެ. ހިތަށް އެރިއެވެ. ނިދާ މިޔަރުގެ މަސްކައިގެން އޮތީ އެޑިޓަރުތާ އެވެ. އެކަމަކު އޯކޭ އެވެ. މިހާރު ނޭވާ ހައްޓަށް ފެތިއްޖެ އެވެ. މާދަމާ މާލެ ގޮސް މިވާހަކަ މިގޮތަށް ލިޔެވިދާނެ އެވެ.