- ޖިމް ހުންނަނީ ވަލުތެރޭގައި
- ސާމާނު ހަދާފައިވަނީ އަމިއްލައަށް
- ގިނަ އަދަދެއްގެ ބަންގާޅީން މިތަަނަށްދޭ
މާލެ އަތޮޅު ކަނޑު އޮތް ގިރީގައި ހަވީރު ހަތަރެއް ޖެހީ އެވެ. ޖިމަށްދާ ގަޑިޖެހުނީ އެވެ. ކޮންމެ ދުވަހެއްގެ ޝެޑިއުލްގައި އޮންނަ ކަމަކަށްވާތީ އާއި މިއަދު ޖިމަށް ނުދެވޭނެތީ ވަރަށް ދެރަވެއްޖެ އެވެ. މިކަހަލަ ރަށެއްގައި ދެން އޮތީ ފޫހި ފިލުވާން ރަށުތެރެ ބަލައިލާން ދިއުމެވެ. އަހަނ، ރަށުގެ ވަލު ތެރެއިން ހޭޅި ފަށުގެ ވަކި ހިސާބަކަށް ދެވުނުތަނާ ތަފާތު ތަނެއް ފެނިއްޖެ އެވެ. އަސްތާ މިއޮއް ވަދެވުނީ "ޖިމަ" ކަށެވެ! މިރަށުން މަގޭ "މާވަހަރު" މިއޮއް ފެނުނީ އެވެ.
ގާތްގަނޑަކަށް ދުއިސައްތަ އެއްހާ މުވައްޒަފުން އުޅޭ މި ރަށުގައި މަސައްކަތް ކުރާ ބަންގާޅު މީހުން ކޮންމެ ދުވަހަކު ވެސް މިތަނަށް އާދެ އެވެ. މި ތަނުގައި ކަސްރަތު ކުރަން ބޭނުންކުރާ ގާތްގަނޑަކަށް ހުރިހާ ސާމާނެއް މިހިރީ އަތުރާލައި އަޅުވާލާފަ އެވެ. އެކަމަކު މި ހުރިހާ ސާމާނަކީ ވެސް މި ޖިމަށް އައިސް މިތިބި ބިދޭސީން އަމިއްލަ އަށް އުފައްދާފައި ހުރި އެއްޗިއްސެވެ. އެމީހުން މިކަމަށް ހުރި ޝައުގުވެރިކަން ވަރަށް ބޮޑެވެ.
މި ޖިމުގެ ވެރިން، ނުވަތަ އިންސްޓްރަކްޓަރުންނަކީ ފުރުގާން އާއި އަލް އަމީނެވެ. ދެ މީހުންނަކީ ވެސް ބަންގާޅީންނެވެ. އެ ދެ މީހުން ބުނި ގޮތުގައި ކޮންމެ ދުވަހަކު ވެސް އެމީހުން ވަލުތެރޭގައި ޖިމް ހަދަ އެވެ. އެހެން މީހުންނަށް އެހީވެ ދެ އެވެ. ވިނަގަނޑުގެ ތެރޭގައި ހުންނަ މި ޖިމް ވަނީ އެމީހުންގެ ހަށިގަނޑާ ގުޅިލާމެހިފަ އެވެ. މިކަހަލަ ޖިމެއް އަދިއެއް ނުދެކެމެވެ.
"ކޮންމެ ދުވަހަކު ވެސް ޖިމަށް އަންނަން. ޖިމްގެ ސާމާނު ހަދާފައި ހުރީ ކޮމްޕެނީ [މިފްކޯ] އިން ދިން ބައެއް ސާމާނު ބޭނުންކޮންގެން،" އަލް އަމީން ކިޔައިދޭން ފެށި އެވެ.
މި ރަށުގެ ހުޅަނގު ފަރާތު ވަލުތެރޭގައި ހުންނަ މި "ޖިމް" ގެ ސާމާނުތައް ތައްޔާރުކޮށްފައި މިރަށުގައި ހުންނަ މިފްކޯގެ ކާރުހާނާ އިން ބާކީވެ އުކާލާ ސާމާނު ބޭނުން ކޮށްގެންނެވެ. މި ޖިމްގައި ވެސް ދުވަން ބޭނުންކުރާ "ކްރޮސްޓްރެއިނާ" އެއް ހުރެ އެވެ. މީގެ ބޭނުން އެމީހުން ހެޔޮ ގޮތުގައި ހިފަ އެވެ. މި ޖިމްގައި ޑަމްބެލްސްތައް ވެސް ހުރެ އެވެ. އެކަމަކު މި ޑަމްބެލްތައް ހަދާފައި ވަނީ އެސްލޯނު ހޮޅި އާއި ދަގަނޑު ބޭނުންކޮށްގެންނެވެ.
ބައެއް ވެއިޓްތައް ހެދުމުގައި ސީލިންގް ފަންކާ އާއި ދޮންނަ މެޝިނުގެ ބައިތައް ވެސް ބޭނުންކޮށްފައިވެ އެވެ. "ބެންޗް ޕްރެސް" ހެދުމަށް ހާއްސަ ބާގެ އެއްކޮޅުގައި ވަރުގަދަ ސިމެންތި ގަނޑަކުން އެހުރީ ބަރެއް ހަރުކޮށްފަ އެވެ. ޓްރައިސެޕް މެޝިން ހަދާފައިވަނީ ގަހެއްގައި ހަރުކޮށްފައިވާ ފަންކާއެއްގެ ބައެއްގެ އެހީގަ އެވެ. އެހެންވެ މި ޖިމަށް ކޮންމެހެން އެކި ސައިޒުތަކުގެ ބްރޭންޑެޑް "ވެއިޓް" ތަކެއް ވެސް ބޭނުމެއް ނުވާނެ ތާ އެވެ! ހުރިހާ ސާމާނަކީ ވެސް މޭން މޭޑް ސާމާނެވެ. ހަމަ ފައްކަލެވެ. ހުރިހާ ބޭނުމެއް ކުރެވެ އެވެ.
ޖިމްގެ އެއް ފަރާތުގައި ގަސް ބުޑެއްގެ މަތީ ސޮނިވެއްޓިފައި އެކަކު އެބަ އިނދެ އެވެ؛ މާލޭގެ ޖިމްތަކުން ވެސް ހަމަ މި މަންޒަރު ފެންނާނެ އެވެ. އަލަށް ޖިމަށް ދާ މީހުން ފުރަތަމަ ދުވަހު ތިބޭނީ ހަމަ މިގޮތަށެވެ. ޖިމަށް އާވީމަ ވާނީ ވެސް މިހެންތާ އެވެ. އެ މީހުން ތަނަށް ހޭނި، ފެނަށް ދިރޭނީ ދުވަސްކޮޅަކުންނެވެ. އޭނާވެސް އެއިނީ ޖިމަށް އާވެފަ އެވެ.
"މިއީ އާ މީހާ. އޭނާ އަށް ނޭނގެ ޖިމް. އެހެންވެ ބަލަން ހުރީ،" ޖިމްގައި ހުރި ބަންގްލަދޭޝްގެ އެހެން ރައްޔިތެއް ކަމަށްވާ، ފްރުގާން ބުންޏެވެ. "އޭނާ މާދަމާ ޖިމަށް އަންނާނެ،"
މި "ޖިމަށް" ދާ ބަންގާޅު މީހުން އަންނަނީ ބޮޑީ ބިލްޑިން މުބާރާތެއްގައި ވާދަކުރެވިދާނެ ކަން ސާބިތު ކޮށްދެމުންނެވެ. އެކަން ސާބިތުކޮށްދޭން 'އަވަސް' ގެ ޓީމަށް ދައްކާލަން ފޮޓޯއަކަށް ޕޯސްކޮށްލައި އެމީހުން ހަށި ފުއްޕާލާފައި ޖާނު ދައްކާލި އެވެ. ހަމަ ސަޅި އެވެ.
"ވަަރަށް ބަރާބަރު މިތަން. ކޮންމެ ދުވަހަކު ޖިމަށް އަންނަނީމަ ބަރާބަރު. ކޮންމެ ދުވަހަކު މަސައްކަތް ނިމުނީމަ ޖިމަށް އަންނަން. ބަރާބަރު ބޮޑީ އަންނަނީ،" އަލް އަމީން ބުންޏެވެ.
މި ރަށުގައި މަސައްކަތުން ސަލާމަތްވެގެން ބަންގާޅު ގިނަ ބަޔަކު ކޮންމެ ދުވަހަކު ކުރާ ކަމަކީ މިއީ އެވެ. މި ރަށުގައި މިއުޅެނީ ގިނަ އަދަދެއްގެ ބަންގާޅީންގެ ހަށިގަނޑު މިހާ ފިޓީ އެހެން ވެއެވެ. މިއީ މާލެއިން މިފެންނަ ކަހަލަ ލޮކި މަސް ޖެހި ބައެއް ނޫނެވެ.
މި މީހުންގެ ހަށީގަނޑާއި ބައްޓަން ވެސް ވަރަށް ސަޅި އެވެ. މި ޖިމްވެސް އެހާ ފުރިހަމަ އެވެ. މިތާ މިހިރަ ތަކެތި ވެސް ހަމަ ބެސްޓެވެ. އަހަރެންގެ ދުވަހު ޝެޑިއުލްގައި ފުރިހަމަ ނުވެ ބާކީވާން ދިޔަ ކަސްރަތުގެ ބައި ބަންގާޅީންގެ މި ޖިމް މިއޮއް ފުރިހަމަ ކޮށްލެވުނީ އެވެ. މިހާރު ދާ ހިތްލާލައި ހާޓް ބީޓް ވެސް ރަނގަޅުވެއްޖެ އެވެ.