ބޮލީވުޑް

ސަލްމާން ބުނަނީ "ބިގް ބޮސް އޯޓީޓީ 2" ދައްކާނީ ފިލްޓަަރު ނުކޮށޭ!

އޯޓީޓީ ޕްލެޓްފޯމުން ސްޓްރީމްކުރާ "ބިގް ބޮސް"ގެ ދެވަނަ ސީޒަން ފަށަން ތައްޔާރުވަމުންދާކަން ޝޯގެ ހޯސްޓް ސަލްމާން ޚާން ހާމަކޮށްފި އެވެ. މި ޝޯގެ ފުރަތަމަ ސީޒަން ހޯސްޓްކުރީ ކަރަން ޖޯހަރް އެވެ.

ސަލްމާން ބުނި ގޮތުގައި މި މަހު ފަށާ "ބިގް ބޮސް" އޯޓީޓީ ޝޯގައި ބިގް ބޮސްގެ ގެއަށް ވަންނަ ބައިވެރިން ކުރާ ޒުވާބުތަކާއި އެމީހުން ދައްކާ ވާހަކަތައް އެއްވެސް ފުރާނާލުމެއް، ސެންސަރު ކުރުމެއް ނެތި ގެނެސްދޭން ހަމަޖެހިފައިވާ ކަމަށެވެ.

ޖޫން 17ގައި ފެށުމަށް ހަމަޖެހިފައިވާ މި ޝޯގެ ފުރަތަމަ ޕްރޯމޯ މިހާރު ވަނީ ދައްކަން ފަށާފަ އެވެ. މި ޕްރޯމޯގައި ސަލްމާނާ އެކު ރެޕް ލަވަކިޔުންތެރިޔާ ރަފްތާރު ފެނެ އެވެ.

ޕްރޮމޯގައި ސަލްމާން ބުނާ ގޮތުގައި އެހެންޏާ ބިގް ބޮސްގެ ގެއިން ނުފެންނަ ވަރަށް ގިނަ ކަންތައްތައް މިފަހަރު ފެންނާނެ އެވެ.

ބިސް ބޮސްގެ ގޭގައި ތިބޭ މީހުން ކޮންޓްރޯލްކުރުމުގެ ފުރުސަތު ބެލުންތެރިންނަށް އޮންނާނެ އެވެ. އަދި އެ ގޭގައި ތިބޭ މީހުންނާ ވާހަކަ ދައްކައި އެމީހުން ކުޅޭ ގޭމާއި ދައްކާ ވާހަކަތަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތުވެސް ބެލުންތެރިންނަށް ލިބޭނެ އެވެ.

މިފަހަރު ބިގް ބޮސްގައި ބައިވެރިވާ މީހުންގެ ނަންތައް އަދި ރަސްމީކޮށް އިއުލާން ކޮށްފައެއް ނުވެ އެވެ.

ގަބޫލު ކުރެވޭ ގޮތުގައި ވަރަށް މަޝްހޫރު މީހުން މިފަހަރު ބިގް ބޮސްގެ ގެއަށް ވަދެ ވަރަށް ވަރުގަދައަށް ހަނގުރާމަ ޖައްސާނެ އެވެ.

"ބިގް ބޮސް އޯޓީޓީ ހިންދީ" ފެންނާނީ އޯޓީޓީ ޕްލެޓްފޯމް 'ޖިއޯސިނަމާ' އިންނެވެ.