ފިނިޕޭޖް

ޝަކީރާ އާއި ލުވިސް ހެމިލްޓަން ލޯބީގެ ގޮތުން ގުޅިއްޖެ

ގްރެމީ އެވޯޑް ލިބިފައިވާ ލެޓީނޯ ލަވަކިޔުންތެރިޔާ ޝަކީރާ 46، އާއި ފޯމިއުލާ ވަން ރޭސް ކާރު ޑްރައިވަރު ލުވިސް ހެމިލްޓަން 38، ލޯބީގެ ގޮތުން ގުޅިއްޖެ އެވެ.

ދަ ޕީޕަލްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މި ދެ ލޯބިވެރިން އެކުގައި ތަންތަނަށް ގޮސް ވަގުތު ހޭދަކޮށް، ލޯބީގެ ގޮތުން ގުޅިފައިވާ ކަމަށާއި އަދި މިވަގުތު އެމީހުންގެ އަމަލުތައް ހުރީ މަޖާކުރުމަށާއި އެކަކު އަނެކަކު ދެނެގަތުމަށެވެ.

ޝަކީރާގެ އާ ލޯބިވެރިޔާ ލުވިސް ހެމިލްޓަން އަކީ ހަތް ފަހަރު ފޯމިއުލާ ވަން ޗެމްޕިއަންކަން ހޯދައި، ފޯމިއުލާ ވަން ރޭސް އެންމެ ގިނައިން ކާމިޔާބު ކުރުމުގެ ރިކޯޑް އޮންނަ މީހާ އެވެ. އަދި މިދިޔަ އޮކްޓޯބަރު މަހު ފިލްމް އަދި ޓީވީ ޕްރޮގްރާމް ހަދާ ޑޯން އެޕޯލޯ ޕްރޮޑަކްޝަން ކުންފުނި ހަދާފައިވެ އެވެ.

ޝަކީރާ އާއި ލުވިސްގެ ރެޕުން މިކަމާ ގުޅިގެން ބަހެއް ބުނެފައެއް ނުވެ އެވެ.

ޝަކީރާ ދާދި ފަހުން ފޯމިއުލާ ވަން ސްޕެނިޝް ގްރޭންޑް ޕްރީގައި ލުވިސް ވާދަކުރާ ތަން ބަލަން ދިޔަ އެވެ. އެ ގްރޭންޑް ޕްރީގައި މާސިޑީޒް އެއް ދުއްވި ލުވިސް ވަނީ ދެވަނަ އަށް ގޮސްފަ އެވެ. އަދި އޭގެ ފަހުން ޝަކީރާ އާއި ލުވިސް ރައްޓެހިން ތަކަކާއެކު ކާން ގޮސް ވަގުތު ހޭދަކުރި އެވެ. އެ ކެއުމުގެ ފޮޓޯއެއްވެސް އިންސްތަގްރާމްގައި އެކަކު ހިއްސާކޮށްފައިވެ އެވެ.

މީގެ ކުރިން މި ދެ ލޯބިވެރިން މަޔާމީ ގްރޭންޑް ޕްރީއަށް ފަހުވެސް ކާން ދިއުމުގެ އިތުރުން ރައްޓެހިންނާއެކު ބޯޓު ދުއްވަން ގޮސް ވަގުތު ހޭދަކޮށްފައިވެ އެވެ. އޭގެ ދުވަސް ކޮޅެއް ކުރިން ޝަކީރާއަށް ބިލްބޯޑްގެ ފުރަތަމަ "ވުމަން އޮފް ދަ އިޔާ" އެވޯޑް ލިބިފައިވެ އެވެ.

ޝަކީރާ އާއި ކުރީގެ ލޯބިވެރިޔާ ކަމުގައިވާ ސްޕޭންގެ ފުޓްބޯޅަ ކުޅުންތެރިޔާ ޖެރާޑް ޕީކޭ ވަނީ 10 އަހަރު ދުވަހުގެ ގުޅުމަކަށްފަހު މިދިޔަ އަހަރު ވަކިވެފަ އެވެ.

މި ދެ މީހުންގެ ގުޅުމަށް ދެ ކުދިން ލިބިފައިވެ އެވެ. އަދި ދެ މީހުން ވަކިވިތާ މާގިނަ ދުވަހެއް ނުވަނީސް ޕީކޭ އޭނާގެ އާ ލޯބިވެރިޔާއާ އެކު ރައްޓެއްސެއްގެ ކައިވެނީގައި ވަގުތު ހޭދަކުރާ ތަނުގެ ފޮޓޯތައް ވެސް ފަހުން އާންމުވި އެެވެ. އެ ދުވަސްވަރާ ދިމާކޮށް ޝަކީރާ ވަނީ އޭނާގެ ހަޔާތުގައި އެންމެ ކަޅު އަނދިރި އަދި އުނދަގޫ ދުވަސްތައް އެއީ ކަމުގައި ބުނެ އޭނާގެ އެންމެ ފަހު ލަވައިގެ ލިރިކްސްގެ ތަންކޮޅެއް ޕޯސްޓްކޮށްފަ އެވެ. އަދި އެކި ފަހަރު މަތިން ޕީކޭ ބޭވަފާތެރިވެފައިވާ ކަމަށް އިޝާރާތްކޮށް، ޝަކީރާ ސޯޝަލް މީޑިއާ ޕޯސްޓްތައްކޮށް، ލަވައެއް ނެރެ، ބަސް ބުނެފައިވެ އެވެ.