ގާސިމް އިބްރާހިމް

ޖޭޕީގެ ރިޔާސީ ޓިކެޓް ގާސިމާ ހަވާލުކޮށްފި

ޖުމްހުރީ ޕާޓީގެ ރިޔާސީ ޓިކެޓް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރަސްމީކޮށް އަރުވައިފި އެވެ.

ޖޭޕީގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ގާސިމަށް ރިޔާސީ ޓިކެޓް އެރުވީ މިރޭ މާލޭގެ ކާނިވާ ސަރަހައްދުގައި ބޭއްވި ހާއްސަ ޖަލްސާގަ އެވެ.

ގާސިމަށް ރިޔާސީ ޓިކެޓް ހަވާލުކުރެއްވީ އެ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަލީ އާރިފް އެވެ.

ގާސިމްގެ ރިޔާސީ ކެމްޕޭންގެ ސްލޯގަން އަކަށް ހަމަޖައްސާފައިވަނީ "ހާސް ކަނޑާލާ، ހަމަޖެހޭނެ" އެވެ.

ޖުމްހޫރީ ޕާޓީން ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެ ޕާޓީގެ އެންމެ ފަހުގެ ގައުމީ ކޮންފަރެންސްގައި ނިންމީ އެ ކޮންފަރެންސްގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމީ ރިޔާސީ ދެވަނަ ދައުރަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކޮށް އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް ރައީސް ސޯލިހް ޖޭޕީއަށް ދައުވަތު ދެއްވާފައި ވަނިކޮށެވެ.

ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމާ ގުޅިގެން އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިވާ ބޭފުޅުންނަށް މިދިޔަ މާޗް 16ގައި ފުރުސަތު ހުޅުވާލުމުން ޓިކެޓަށް ކުރިމަތިލެއްވީ ގާސިމް އިބްރާހީމް އެކަންޏެވެ.

ޖޭޕީގެ އަސާސީ ގަވައިދު ކުރިން އޮތްގޮތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރެވެ. ޖުމްހޫރީ ޕާޓީ އުފެދުނީއްސުރެ އެ ޕާޓީގެ ލީޑަރުގެ ގޮތުގައި ހުންނެވީ ގާސިމް އިބްރާހީމް އެވެ. ނަމަވެސް މިހާރު ޖޭޕީގެ އަސާސީ ގަވައިދު ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ހުރިހާ ބޭފުޅުންނަށްވެސް ކުރިމަތިލެވޭ ގޮތަށް އިސްލާހުކޮށްފަ އެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު އެވެ. ދެވަނަ ބުރަކަށް ގޮސްފިނަމަ ދެވަނަ ބުރުގެ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހުއެވެ.