ގާސިމް އިބްރާހިމް

ފަސް އަހަރުން 100 މިލިއަނަރުން އުފައްދާނަން: ގާސިމް

Jun 10, 2023
3

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ރާއްޖޭގައި ފަސް އަހަރުގެ ތެރޭގައި 100 މިލިއަނަރުން އުފައްދާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް އެރުވުމަށް ރޭ މާލޭގެ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް އިބްރާހީމް ވިދާޅުވީ ވެރިކަން ލިބިވަޑައިގެންވިނަމަ ރައްޔިތުންގެ ހާސްކަން ނައްތާލައި ދިވެހިން މިހާތަނަށް ނުދެކޭ އިންގިލާބީ ބަދަލުތައް ގެނެސް ދެއްވާނެ ކަމަށެވެ.

އެގޮތުން ފަސް އަހަރުގެ ތެރޭގައި ރާޢްޖޭގައި 100 މިލިއަނަރުން އުފައްދަވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް އިބްރާހީމް ވިދާޅުވީ ރިޔާސީ ދައުރުގެ ފުރަތަމަ ތިން އަހަރު ތެރޭގައި ދައުލަތުގެ ދަރަނި ޖީޑީޕީ 120 އިންސައްތައިން 90 އިންސައްތައަށް ތިރި ކުރާނެ ކަމަށެވެ. ދައުލަތުގެ ހަރަދު ޖީޑީޕީގެ 35 އިންސައްތައިގައި ހިފަހައްޓައި ދައުލަތުގެ އާމްދަނީ ޖީޑީޕީގެ 30 އިންސައްތައަށް މަތި ކުރާނެ ކަމަށް ވިދާޅުވި އެވެ.

ރިޔާސީ ދައުރު ނިމުމުގެ ކުރިން ރާއްޖޭގައި މަދުވެގެން 20،000 ހައުސިން ޔުނިޓް އަޅައިދޭނެ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުތަކަށް ފާޑު ވިދާޅުވެ ގާސިމް ވިދާޅުވީ އެމްޑީޕީ އާއި ޕީޕީއެމްގެ ވެރިކަން ރައްޔިތުން ތަޖުރިބާކޮށްފައިވާ ކަމަށާއި ތަޖުރިބާ ނުކުރެވި އޮތް ހަމައެކަނި ފިކުރަނީ ޖޭޕީގެ ފިކުރު ކަމަށެވެ.

"ތިޔަ ބޭފުޅުންނަށް ޓެސްޓު ނުކުރެވި އޮތް ސިޔާސީ ފިކުރަކީ، 2008ގެ ފަހުން ރާއްޖޭގައި އުފެދުނު ސަރުކާރުތައް ވެރިކަމަށް ގެނައުމުގައި އެންމެ ބޮޑަށް އެހީތެރިވި ޖުމްހޫރީ ފިކުރު،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ކޯލިޝަނާއެކު ވެރިކަން ކުރަން އެއްބަސްވުމެއް އޮންނަ ކަމަށާއި އެއްބަސްވުމަށް އިހުތިރާމް ކުރުމުގެ މައްޗަށް ވާހަކަ ދައްކަވަން ބޭނުން ނުވާ ކަމަށެވެ.