ރައީސް މުހައްމަދު ނަޝީދު

ގާސިމަށް ނަޝީދު މަރުހަބާ ވިދާޅުވެެއްޖެ

ޖުމްހުރީ ޕާޓީގެ ރިޔާސީ ޓިކެޓް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރަސްމީކޮށް ލިބިވަޑައިގަތުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ޖޭޕީގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ގާސިމަށް ރިޔާސީ ޓިކެޓް އެރުވީ ރޭ މާލޭގެ ކާނިވާ ސަރަހައްދުގައި ބޭއްވި ހާއްސަ ޖަލްސާގަ އެވެ.

ގާސިމަށް ރިޔާސީ ޓިކެޓް ހަވާލުކުރެއްވީ އެ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަލީ އާރިފް އެވެ.

ގާސިމްގެ ރިޔާސީ ކެމްޕޭންގެ ސްލޯގަން އަކަށް ހަމަޖައްސާފައިވަނީ "ހާސް ކަނޑާލާ، ހަމަޖެހޭނެ" އެވެ. ރޭގެ ޖަލްސާގައި ގާސިމްގެ ކެމްޕޭން ލަވަ ވެސް ނެރެފައިވެ އެވެ.

ގާސިމަށް މަރުހަބާ ވިދާޅުވެ ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިހާބަކަށް މަގުފަހި ކުރުމަކީ އަޅުގަނޑުމެން އެންމެންގެ ވެސް ވާޖިބެއް ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް ގާސިމަށް ލިބިވަޑައިގަތުމުން ނަޝީދު މަރުހަބާ ވިދާޅުވި ނަމަވެސް އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތުމުން ނަޝީދު މަރުހަބާ ވިދާޅުވެފައެއް ނުވެ އެވެ.

ރައީސް ނަޝީދު "ފިކުރެއްގެ ދިރުން"ގެ ނަމުގައި ސިޔާސީ ހަރަކާތްތައް ހިންގެވިއިރު ރައީސް ނަޝީދާއި އަދި އެމަނިކުފާނުގެ އަރިސް ބޭފުޅުން ގާސިމު ކުރިއަށް ނެރުއްވައިގެން ރިޔާސީ އިންތިހާބުގައި ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކުރެއްވި އެވެ. ނަމަވެސް ރައީސް ނަޝީދުގެ އަރިސް ބޭފުޅުން "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ޕާޓީއެއް ހެދުމަށް ހުށަހަޅައި އެ ޕާޓީން ރިޔާސީ ކެންޑިޑޭޓެއް ނެރެން ނިންމުމާ އެކު ގާސިމާއި ނަޝީދު ބާއްވަމުން ދިޔަ މަޝްވަރާތައް ވަނީ މެދުކެނޑިފަ އެވެ.


ޖޭޕީގެ ބައެއް އިސް ބޭފުޅުން މީގެކުރިން އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ނަޝީދާއި ގާސިމާ ދެމެދު ކުރިއަށް ދިޔަ މަޝްވަރާތައް މެދުކެނޑުނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ނަޝީދު ހުށަހެޅުއްވުމުން ގާސިމް އެކަމަށް ދެކޮޅު ހެއްދެވުމާ ގުޅިގެންނެވެ.

ގާސިމް މިމަހުގެ ދެވަނަ ދުވަހު ވީޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވަނީ ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވާފަ އެވެ. އެގޮތުން ގާސިމް ވިދާޅުވީ ރައީސް ނަޝީދު ބޭނުންވަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށް ބޭނުންވާ މެދުވެރިޔަކަށް ގާސިމް ހެއްދެވުމަށް ކަމަށެވެ. އަދި އެހެން މީހަކު ވެރިކަން ކުރައްވާ މަންޒަރު ބެއްލެވުމަށް ނަޝީދަށް ކެތްނުކުރެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު އެވެ. ދެވަނަ ބުރަކަށް ގޮސްފިނަމަ ދެވަނަ ބުރުގެ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހުއެވެ.