ޕީޕީއެމް

ކުރިއަށް ދެވޭނެ ގޮތެއް ނެތް ކަމަށް ވިދާޅުވެ ގާލިބް ޕީޕީއެމް އިން ވަކިވެއްޖެ

އިދިކޮޅު ޕީޕީއެމްގެ ސެނެޓް މެންބަރު އަހްމަދު ގާލިބް ޕީޕީއެމް އިން ވަކިވެއްޖެ އެވެ.

ގާލިބް ވިދާޅުވީ އޭނާ ޕީޕީއެމް އިން ވަކިވީ މި ވަގުތު ޕާޓީއާއި އެކު ކުރިއަށް ދިއުމަށް އެކަށީގެންވާ ހާލަތެއް އަދި މާހައުލެއް ނެތުމުން ކަމަށެވެ.

ގާލިބް މިއަދު ޕީޕީއެމް އިން ވަކިވިއިރު އޭނާ އަކީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކެލާ ދާއިރާ ރައީސް އެވެ.

މުއިއްޒުއަށް ރިޔާސީ ޓިކެޓް ހޯދައިދިނުމަށް ކެމްޕޭން ކުރެއްވި ކަމަށް ބުނެ މާލެ ސިޓީ ކައުންސިލްގެ ޕީޕީއެމްގެ މެދުހެންވޭރު ދާއިރާގެ މެންބަރު އާދަމް ރަމީޒުގެ ސުލޫކީ މައްސަލައެއްވެސް މީގެ ދުވަސްކޮޅެއް ކުރިން ޕީޕީއެމް އިން ބެލި އެވެ. އޭނާ ވެސް ވަނީ އެ މައްސަލަ ބަލަން ފެށުމުން ޕީޕީއެމް އިން ވަކިވެފަ އެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަރުވާފައި ވަނިކޮށް ދައުލަތުން އުފުލި ދެ ދައުވާއެއް ސާބިތުވުމާ ގުޅިގެން ރައީސް ޔާމީން މިވަގުތު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ. އެހެންވެ ޕީޕީއެމްގެ ސެނެޓްގެ ތެރޭގައި މިހާރު ވަނީ ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ.