މާލޭ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 45،000 ރުފިޔާ އިން ޖޫރިމަނާކޮށްފި

މާލެ ސިޓީ ކައުންސިލްގެ ބިމަކަށް ކުނި ޖަމާކޮށްފައި ބެހެއްޓި މައްސަލައިގައި އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ސިޓީ ކައުންސިލް 45،000 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

އީޕީއޭ އިން ބުނީ ކުނިތައް ސިޓީ ކައުންސިލުން ޖަމާކުރީ މާލޭގެ އެދުރު ހިޔާ ފްލެޓްތަކުގެ ފަހަތުގައި އޮންނަ ސިޓީ ކައުންސިލްގެ ބިމަކަށް ކަމަށެވެ.

އީޕީއޭ އިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެދުރު ހިޔާގެ އިރުމަތިން އޮންނަ ބިމަށް ކައުންސިލު ކުނި ޖަމާކުރުމުން އާންމުންގެ އެތައް ބައެއްގެ ޝަކުވާ ލިބުމުން އެ އެޖެންސީގެ މުވައްޒަފުން އެކި ދުވަސް މަތިން އެ ތަނަށް ގޮސް ޝަކުވާތަކުގެ ހަގީގަތް ބެލި ކަމަށެވެ.

ސިޓީ ކައުންސިލުން ޖަމާކޮށްފައިވާ ކުންޏަކީ މާލޭގެ އާންމު ތަންތަން ސާފުކުރުމަށްފަހު ޖަމާކޮށްފައި ހުރި ކުނި ކަމަށާއި ޖެހިގެން އަންނަ ދުވަހުގެ ހެނދުނު އެ ކުނިތައް އުކާލާ ކަމަށް ސިޓީ ކައުންސިލުން އީޕީއޭ އަށް ފޮނުއްވި ލިޔުންތަކުގައި ބުނެފައިވާ ކަމަށްވެސް އެ އެޖެންސީ ބުނެ އެވެ.

ޖޫރިމަނާ ފައިސާ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަސް ތެރޭގައި ދެއްކުމަށްވެސް އީޕީއޭ އިން ވަނީ އަންގާފަ އެވެ. އަދި ކައުންސިލުން ކުނި މެނޭޖުކުުރުމުގެ މަސައްކަތެއް ކުރާނަމަ ހުއްދަ ނެގުމަށްވެސް އެޗްޕީއޭ އިން އެދިފައިވެ އެވެ.