މާލޭ ސިޓީ ކައުންސިލް

ޖޫރިމަނާގެ މައްސަލަ ހައްލުކުރަން މަޝްވަރާއަށް ތައްޔާރުވަނީ

އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ސިޓީ ކައުންސިލް ޖޫރިމަނާކޮށްފައިވާތީ އެކަމުގައި ހައްލުތަކެއް ހޯދުމަށް ކަމާ ގުޅޭ އިދާރާތަކަށް މަޝްވަރާ ކުރައްވާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުއިއްޒު ވިދާޅުވެއްޖެ އެވެ.

އީޕީއޭ އިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު 45،000 ރުފިޔާ އިން މާލެ ސިޓީ ކައުންސިލް ޖޫރިމަނާކޮށް ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އަންގާފަ އެވެ.

މާލެ ސިޓީ ކައުންސިލުން ކުނި ޖަމާކުރީ މާލޭގެ އެދުރު ހިޔާގެ އިރުމަތިން އޮންނަ ސިޓީ ކައުންސިލްގެ ބިމަކަށެވެ.

އީޕީއޭ އިން ބުނީ ކައުންސިލުން ކުނި ޖަމާކުރުމުން އާންމުންގެ އެތައް ބައެއްގެ ޝަކުވާ ލިބުމުން އެ އެޖެންސީގެ މުވައްޒަފުން އެކި ދުވަސް މަތިން އެ ތަނަށް ގޮސް ޝަކުވާތަކުގެ ހަގީގަތް ބެލި ކަމަށެވެ.

ޖޫރިމަނާ ކުރި މައްސަލައިގައި އަވަސް އިން ސުވާލުކުރުމުން މާލޭގެ މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ އާންމު އުސޫލަކުން ޖޫރިމަނާ ކުރާނަމަ އެ އޮތީ ޖޫރިމަނާކޮށްފައި ކަމަށެވެ. ނަމަވެސް މާލެ ސިޓީ ކައުންސިލަކީ މާލޭގެ ކަންކަން ބެލެހެއްޓުމާއި ހަވާލުވެ އޮތް އެންމެ އިސް މުއައްސަސާއަށް ވެފައި ކުނި ޖަމާކޮށްފައި ހުރީ ދުވަހުން ދުވަހަށް ސާފުކުރާ ގޮތަށް މާލެ ސިޓީ ކައުންސިލްގެ ބިމެއްގައި ކަމަށްވާތީ އެ އުސޫލުން ބަލާނަމަ އެއީ ކުރެވޭނެ ޖޫރިމަނާއެއް ކަމަށް ނުދެކޭ ކަމަށެވެ.

"ވެމްކޯ އަށް ކުނި އުކާލަން އަޅުގަނޑުމެން ގެންދާއިރު އާންމު އެހެން މީހުން ގޮތަށް އަޅުގަނޑުމެން ވެސް މިޖެހެނީ ކިއުގައި އެތައް އިރަކު ތިބެގެން މިކަން ކުރުން. މިއީ އަޅުގަނޑުމެން މާލޭގެ ރައްޔިތުންނަށް ހިދުމަތް ދޭން ބަލާއިރު ވަރަށް ލަސްގޮތެއް. އެހެންވެ އަޅުގަނޑުމެންނަށް ކޮންމެވެސް ކަހަލަ ފަސޭހަ އިންތިޒާމެއް، ފަސޭހަ ގަޑިއެއް ނޫނީ ފަސޭހަ ރޫޓެއް ހަމަޖައްސައިދޭން އެދިފައި ވާނީ. އެކަމަކު އަދި އެކަމެއް ނުވޭ،" މުއިއްޒު ވިދާޅުވި އެވެ.

ޖޫރިމަނާ ފައިސާ ދައްކާނަންތޯ ދެންނެވުމުން މޭޔަރު ވިދާޅުވީ ޖޫރިމަނާގެ މައްސަލައިގައި ކަމާ ގުޅޭ އިދާރާތަކާ ވާހަކަދައްކައި މަޝްވަރާކޮށްގެން ޖޫރިމަނާގެ މައްސަލައިގައި ހައްލެއް ލިބޭތޯ ބައްލަވާނެ ކަމަށެވެ. އަދި އެކަމުގައި ރަނގަޅު ގޮތެއް ނުފެނިއްޖެނަމަ ގާނޫނީ މަގު ހިޔާރުކުރާނެ ކަމުގެ އިޝާރާތެއް ދެއްވި އެވެ. ނަމަވެސް ޖޫރިމަނާ ފައިސާ ނުދައްކާނެ ކަމަކަށް ވިދާޅުވެފައެއް ނުވެ އެވެ.

"ޖޫރިމަނާ ފައިސާ ދެއްކުމުގެ މުއްދަތު ބަންދު ދުވަސްތައް ވެސް ލައިގެން ގުނާފައިވާތީ މިއީ އަޅުގަނޑުމެން ސިޓީ ކައުންސިލަށް 'ހާޝް' ގޮތެއް. ސަރުކާރުގެ އިދާރާތަކުން އަޅުގަނޑުމެންނާ މެދު ސިޔާސީ ގޮތުން އަމަލުކުރި ނަމަވެސް އަޅުގަނޑުމެން އެގޮތަކަށް ނޫން މިއަމަލުކުރަނީ،" މޭޔަރު ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލުން ކުނި މެނޭޖުކުުރުމުގެ މަސައްކަތެއް ކުރާނަމަ ހުއްދަ ނެގުމަށް އީޕީއޭ އިން އަންގާފައިވާތީ އެކަމަށް ރައްދު ދެއްވާ މޭޔަރު މުއިއްޒު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގައި ކުނި މެނޭޖުކުރުމުގެ ފުރުސަތު ކައުންސިލަށް ދީފައިވާތީ އީޕީއޭ އިން އިތުރު ހުއްދައެއް ނަގަންޖެހޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑަށް އެނގިފައެއް ނުވޭ ލާމަރުކަޒީ ގާނޫނުގެ އެ މާއްދާ އިސްލާހުކުރި ކަމަކަށް. އެހެންވީމާ ކުނި މެނޭޖުކުރުމަކީ ކައުންސިލަށް ގާނޫނުން ދީފައިވާ ބާރެއް،" މުއިއްޒު ވިދާޅުވި އެވެ.