ބޮލީވުޑް

"ސާޖަން ޖީ ގަރް އާޔޭ" ލަވައިގެ ބޮޑު ބައި ކުޅުނީ ސަލްމާންގެ ބޮޑީ ޑަބަލް

ކަރަން ޖޯހަރް ޑައިރެކްޓްކުރި "ކުޗް ކުޗް ހޯތާ ހޭ" ރިލީޒްކުރިތާ އެތައް އަހަރެއް ފާއިތުވީއިރުވެސް ގިނަ ބަޔެއްގެ ފޭވަރިޓް ފިލްމުގެ ގޮތުގައި އެ ފިލްމު އަދިވެސް އެބައޮތެވެ.

ޝާހް ރުކް ޚާނާއި ކާޖޮލް އަދި ރާނީ މުކަރުޖީ މުހިއްމު ބައިތައް ކުޅެފައިވާ މި ފިލްމުގައި ސަލްމާން ޚާންގެ މެހެމާން ރޯލެއް ހިމެނެ އެވެ. ފިލްމުގައި ހިމެނޭ އެންމެ ރީތި އެއް ލަވަ "ސާޖަން ޖީ ގަރް އާއޭ" ކުޅެފައިވަނީ ވެސް ސަލްމާނެވެ.

ނަމަވެސް މި ލަވައިގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑުބައިގައި ސަލްމާން އަސްލު ބައިވެރިއެއް ނުވެ އެވެ. އެ ބައިތައް ކުޅެފައިވަނީ ސަލްމާނާ އެއްވައްތަރު މީހެއް ނުވަތަ ބޮޑީޑަބަލް ލައްވަ އެވެ.

މި ލަވައިގެ ކޯރިއޯގްރާފަރު ދާދިފަހުން ރިއަލިޓީ ޝޯ އިންޑީއާޒް ބެސްޓް ޑާންސާގައި ބައިވެރިވެ މި ލަވައިގެ ވާހަކަތައް ކިޔައިދިނެވެ.

ފަރާ ބުނި ގޮތުގައި އެ ލަވައިގައި ބޮޑީޑަބަލްގެ ގޮތުގައި އެމީހުން ބޭނުންކުރީ ރިޗީ ކިޔާ މީހެކެވެ.

"ރިޗީ އަކީ ވަރަށް ލޯބި މީހެއް. އެ ފިލްމުގެ ބޮޑުބައި އަހަރެމެން ކުޅުވީ އޭނަ ލައްވާ. ސަލްމާން ޝޫޓިންއަށް އަންނަނީ ދުވާލަކު އެންމެ 2-3 ގަޑިއިރަށް. އެހެންވެ އޭނާ ދިއުމުން ބާކީ ހުންނަ ޝޮޓްތަކުގައި ރިޗީ ބޭނުން ކުރަނީ،" ފަރާ ބުންޏެވެ.

ސަލްމާން ލަހުން ފިލްމު ޝޫޓިންތަކަށް ދާ ވާހަކައަކީ ވަރަށް މަޝްހޫރު ވާހަކަ އެކެވެ. އެހެންވެ ބައެއް ފަހަރު ބޮޑީ ޑަބަލް ލައްވާ މަންޒަރުތައް ކުޅުވަން ޖެހެ އެވެ.