ރިޔާސީ އިންތިހާބު 2023

ދަރުސްތަކުގައި އެންޓި ކެމްޕޭންކުރުން މަނާކޮށްފި

ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް ދީނީ އެކިއެކި މުނާސަބަތުތަކާއި ދީނީ ދަރުސްތަކާއި ހުތުބާތަކުގައި ވާހަކަދެއްކުން މަނާވާ ގޮތަށް މި އަހަރުގެ ރިޔާސީ އިންތިހާބުގެ ގަވާއިދު އިލެކްޝަންސް ކޮމިޝަނުން އެކުލަވާލައި ގެޒެޓްކޮށްފި އެވެ.

އިއްޔެ ގެޒެޓް ކުރި 65 މާއްދާގެ މައްޗަށް އެކުލެވޭ ގަވައިދުގެ 24 ވަނަ މާއްދާ ހާއްސަކޮށްފައިވަނީ ކެންޑިޑޭޓުންނާއި އެމީހުންނަށް ތާއީދު ހޯދުމަށް މަސައްކަތް ކުރާ ފަރާތްތަކުގެ ސުލޫކީ މިންގަނޑު ބުނެދިނުމަށެވެ.

މިމާއްދާގައި ބުނެފައިވަނީ ވަކި ޖިންސެއްގެ މީހަކަށް ވާތީ ނުވަތަ އިސްލާމް ދީނުގައި ވަކި މަޒުހަބަކަށް އުޅެމުންދާ ކަމަށްޓަކައި އެއީ ވަކި ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް ނުވަތަ ވޯޓު ނުދިނުމަށް އޮތް ސަބަބެއް ކަމުގައި އެއްވެސް ބަޔަކަށް ހުށަހަޅައިގެން ނުވާނެ ކަމަށެވެ.

ސްކޫލުތަކާއި މަދަރުސާތަކާއި ކޮލެޖުތަކާއި ޔުނިވަސިޓީތަކާއި ކިޔަވައިދޭ އެހެނިހެން ތަންތަނުން ދޭ ފިލާވަޅުތައް މެދުވެރިކޮށް ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

މިމާއްދާގައި ބުނެފައިވަނީ ކިޔަވައިދޭ ތަންތަނާއި އިޖުތިމާއީ ކަންކަން ހިންގާ ތަންތަން ފިޔަވާ ސަރުކާރުގެ އޮފީސްތަކާއި ކައުންސިލްތަކުގެ އިދާރާތަކާއި އެ އިދާރާތަކުގެ ގޯތިތެރެ އިންތިހާބަށް ކެމްޕޭން ކުރުމަށް ބޭނުންކޮށްގެން ނުވާނެ ކަމަށެވެ. އަދި ކިޔަވައިދޭ ތަންތަނުގެ ގޯއްޗާއި ހޯލު ފަދަ ތަންތަން ބޭނުންކުރަންވާނީ ކަނޑައެޅިފައިވާ ހުއްދަ ލިބިގެން ކަމަށްވެސް ގަވައިދުގައިވެ އެވެ.

އެއްވެސް ކެންޑިޑޭޓަކު ނުވަތަ އެ ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު އެހެން ކެންޑިޑޭޓަކު ތާއީދު ހޯދުމަށް ހިންގަމުންދާ ބައްދަލުވުމަކަށް ހުރަސްއެޅޭ ފަދަ އަމަލެއްް ކޮށްގެން ނުވާނެ ކަމަށްވެސް ބުނެފައިވެ އެވެ. އަދި ތާއީދު ހޯދުމުގެ ގޮތުން ކެންޑިޑޭޓަކު ނުވަތަ އޭނާ ނިސްބަތްވާ ޕާޓީއަކުން ނުވަތަ އެ ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު ބަހައްޓާ ޕޯސްޓަރު ނުވަތަ ނިޝާން ނުވަތަ އެ ކެންޑިޑޭޓަކު ރަމްޒުކޮށްދޭ އެފަދަ އެހެންވެސް އެއްޗެއް އެހެން ކެންޑިޑޭޓަކު ނުވަތަ އެހެން ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު ނައްޓައި ހަލާކުކޮށް ގެއްލުންދީގެން ނުވާނެ ކަމަށްވެސް ގަވައިދުގައި ބުނެފައިވެ އެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނާނީ މިއަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު އެވެ. އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ބޭފުޅުންނަށް އެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ ޖުލައި 23 އިން އޮގަސްޓް ތިނަކަށެވެ.