ކްރިމިނަލް ކޯޓް

ހަށިވިއްކުމުގެ ވިޔަފާރީގެ އިސް މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ހަށިވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރުން މީހުން ގެނެސް ހަށިވިއްކުމުގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝްގެ ފިރިހެންމީހާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކުރީ އިއްޔެ އެވެ.

އެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން މިމަހުގެ 26 ވަނަ ދުވަހު ދިން 15 ދުވަހުގެ މުއްދަތު ހަމަވެގެން ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް އިތުރު 15 ދުވަސް ދީފަ އެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބުނެފައިވަނީ އިންޓެލިޖެންސް ރިޕޯޓުތަކާއި ފުލުހުންގެ ތަހުގީގު ރިޕޯޓުން އޭނާއަކީ ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރުން މީހުން ގެނެސް ހަށިވިއްކުމުގެ ވިޔަފާރިކުރާ މީހެއް ކަމަށް ބެލެވޭ ކަމަށެވެ.

މައްސަލައިގައި ބަޔާން ނެގުނު މީހުންގެ ބަޔާންތަކުންވެސް މީނާއަކީ މިކަމުގެ އިސް ފަރާތެއް ކަމަށް ބުނާ ކަމަށާއި އޭނާއަކީ މި ބާވަތުގެ އިތުރު ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށް އަމުރުގައި ބުނެފައިވެ އެވެ.