ވިޔަފާރި

މިދިޔަ އަހަރުގެ ފަހު ކްއާޓާގައި މީރާގެ އާމްދަނީ 27.8 ޕަސެންޓް އިތުރު ވެއްޖެ

Jan 25, 2015

މިދިޔަ އަހަރުގެ ހަތަރު ކުއާޓާގައި މީރާއަށް ލިބުނު އާމްދަނީ 27.8 ޕަސެންޓް އިތުރު ވެއްޖެ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާއްމު ކޮށްފައިވާ މިދިޔަ އަހަރުގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓާގައި މީރާއަށް 11.48 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް 2013 ވަނަ އަހަރުގެ ލިބިފައިވަނީ 8.98 ބިލިއަން ރުފިޔާ އެވެ. މިއީ 27.8 ޕަސެންޓުގެ ކުރި އެރުމެކެވެ.

މީރާގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ޑޮލަރުން ލިބުނު އާމްދަނީ ވެސް ވަނީ އިތުރުވެފަ އެވެ.

ފަހު ކުއާޓާގައި ޑޮލަރުން ލިބުނު އާމްދަނީގެ ގޮތުގައި 116 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އަދި 2013 ވަނަ އަހަރު ޑޮލަރުން ލިބުނު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 112 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 37.6 ޕަސެންޓުގެ އިތުރުވުމެކެވެ.

މީރާއިން ބުނީ މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ދައުލަތަށް ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުތަކުގެ ތެރޭގައި އެއާޕޯޓު ސާވިސް ޗާޖު އިތުރުވުމާއި ޖީއެސްޓީ އަދި ބީޕީޓީ އިތުރުވުން ހިމެނޭ ކަމަށެވެ. 

ދައުލަތުގެ ޓެކްސް އިދާރާ މީރާގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ބީޕީޓީގެ ގޮތުގައި 2.46 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި 2013 ވަނަ އަހަރު ލިބިފައިވަނީ 1.8 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 33.5 ޕަސެންޓް އިތުރުވުމެވެ. އަދި މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ޖީއެސްޓީގެ ގޮތުގައި ލިބުނު 4.46 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި 2013 ވަނަ އަހަރުގެ ފަހު ކުއާޓާގައި ލިބިފައިވަނީ 3.6 ބިލިއަން ރުފިޔާ އެވެ.