ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރުގެ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގެ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް އެއް އަހަރުގެ މުއްދަތަކަށް ބީއެމްއެލް އިން ހިންގާ ޕްރޮގްރާމެކެވެ.
މި އިންޓާންޝިޕް ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނާއި ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބުމުގެ އިތުރުން ބީއެމްއެލް ނުވަތަ މާލީ ދާއިރާގެ އެހެން އިދާރާއަކުން ދާއިމީ ވަޒީފާއެއް ހޯދުމަށް ފުރުސަތުވެސް ލިބިގެންދާނެ އެވެ.
ބީއެމްއެލް އިން ބުނީ އިންޓާންޝިޕް މުއްދަތުގައި ބައިވެރިންނަށް ދެވޭ ތަޖުރިބާ އާއި ހުނަރު އިތުރުކުރުމަށް ބައިވެރިންނަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ބީއެމްއެލް އިން 2018 ވަނަ އަހަރު ތައާރަފުކުރި ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމާއި ގުޅޭ ގޮތުން ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓަރު ސަހާ ވަހީދު ވިދާޅުވީ ޕްރޮގްރާމުގެ ދަށުން ޒުވާނުންނަށް މާލީ ދާއިރާގައި ވަޒީފާގެ ފުރުސަތު ހޯދުމަށް އަދި ފަށައިގަތުމަށް ބޭނުންވާ ހުނަރު އިތުރުކުރުމަށް ފުރުސަތު ލިބޭ ކަމަށެވެ.
"މި ޕްރޮގްރާމުގައި މިހާތަނަށް 42 އަށް ވުރެ ގިނަ ބައިވެރިން މިވަނީ ކާމިޔާބު ކަމާއެކު މި ޕްރޮގްރާމް ނިންމާފަ. އަދި މީގެ ތެރެއިން 70 ޕަސަންޓް ބައިވެރިންނަށް ބޭންކުގެ ދާއިމީ ވަޒީފާ ލިބިފައިވޭ،" ސަހާ ވަހީދު ވިދާޅުވި އެވެ.
މި ޕްރޮގްރާމްގެ ދަށުން ބައިވެރިންނަށް ކޮންމެ މަހަކު 6،000 ރުފިޔާގެ މުސާރަ އަދި ރަމަޟާން މަހުގެ ބޯނަސް އިތުރުން ޕެއިޑް ލީވް ލިބޭނެ އެވެ.
ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމުގެ ޝަރުތުތައް ބީއެމްއެލްގެ ވެބްސައިޓުން ލިބޭނެ އެވެ.
އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ޖުލައި ދެވަނަ ދުވަހުގެ ކުރިން އޮންލައިންކޮށް ހުށަހަޅަން ޖެހެ އެވެ.