އިލެކްޝަންސް ކޮމިޝަން

ރިޔާސީ އިންތިހާބުގައި ވޯޓުލާ މީހުންގެ ލިސްޓް އާންމުކޮށްފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓު އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފި އެވެ.

ލިސްޓް މިއަދު އާންމުކުރުމަށްފަހު ޝަކުވާ ހުށަހެޅުމަށް 30 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި 282،672 މީހުންނަށް ވޯޓު ލެވޭނެ ކަމަށް ކޮމިޝަނުން ބުނެ އެވެ.

އިންތިހާބުގއި ވޯޓުލުމަށް ރީރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައިވަނީ ކުރިއަށް އޮތް ޖުލައި 16 ވަނަ ދުވަހު އެވެ.

ރީރަޖިސްޓްރީ ކުރުން ފަސޭހަކޮށްދިނުމަށްޓަކައި އޮންލައިންކޮށް އެކަން ކުރެވޭނެ އިންތިޒާމު ކޮމިޝަނުން ގެންދަނީ ހަމަޖައްސަމުން އިލެކްޝަންސް ކޮމިޝަނުން ކުރިން ބުނެފައިވެ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވުމަށް ހަމަޖައްސާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު އެވެ. ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ވޯޓުލުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.

އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ބޭފުޅުން ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ ކުރިއަށް ޖުލައި 23 އޮގަސްޓް ތިނަކަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ އިސްލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށާއި، ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށާއި، އެމްއެންޕީގެ ފަރާތުން އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމަށާއި، ޕީޕީއެމްގެ ފަރާތުން އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަނީ ރިޔާސީ ޓިކެޓް ހަވާލުކޮށްފަ އެވެ. ނަމަވެސް ރައީސް ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ މަތީ ކޯޓަކުން ދަށު ކޯޓުގެ ހުކުމް ބާތިލް ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ބަންޑާރަނައިބް ޑރ. މުހައްމަދު މުނައްވަރުވެސް ވަނީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.