ބޭރު ކުޅިވަރު

ޑިއެގޯ ކޯސްޓާ ޔުނައިޓެޑް ހިފެހެއްޓީ ރަނގަޅަށް ޕާސް ނުދެވުމުން: ވެންހާލް

މެންޗެސްޓާ ޔުނައިޓެޑް މޮޅުވާން ދަނިކޮށް ޑިއެގޯ ކޯސްޓާ ފަހުވަގުތު ޖެހި ލަނޑުން ދެ ޓީމު ހަމަހަމަވި މެޗު ކާމިޔާބު ނުކުރެވުނީ ރަނގަޅު ވަގުތު ބޯޅަ ޕާސްނުކުރެވިގެން ކަމަށް ޔުނައިޓެޑުން ބުނެފި އެވެ.

މެޗުގައި ޔުނައިޓެޑުގެ ލަނޑު ޖެހީ 69 ވަނަ މިނިޓްގައި ލިންގާޑެވެ. ކޯސްޓާ ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގައި ހުސްކޮށް ލިބުނު ބޯޅައަކުންނެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޔުނައިޓެޑުގެ ކޯޗު ލުއިސް ވެންހާލް ބުނީ އެންމެ މުހިންމު ކަމަކީ ރަނގަޅު ވަގުތު ރަނގަޅު ތަނަށް ޕާސްކުރުން ކަމަށާއި މެޗުގެ އެންމެ ފަހު 20 މިނިޓްގައި އެކަން ނުކުރެވުނު ކަމަށެވެ.

"މެޗުން މޮޅުވެވެންޖެހޭ. އެކަމަކު ފަހު 20 މިނިޓްގައި އަހަރުމެން ޓީމު ނުކުޅޭ. އޭގެ ކުރިން ވަރަށް ރަނގަޅަށް ކުޅުނު. ކޮންސަންޓްރޭޝަނުގެ މައްސަލަ ދިމާވި. މޮޅުވާން ނޫޅެންޏާ މޮޅެއް ނުވާނެވެސްމެ،" ކޯޗު ބުންޏެވެ.

ޗެލްސީގެ ކޯޗު ގުސް ހިޑިންކް ބުނީ ނަތީޖާ އާއި ޓީމުގެ ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި މެޗުގެ ފަހު 30 މިނިޓްގައި ރަނގަޅަށް ކުޅުނީ ޗެލްސީ ކަމަށާއި ޔުނައިޓެޑުން ރަނގަޅަށް ކުޅުނީ އޭގެ ކުރިން ކަމަށެވެ.

މި މެޗާއެކު ޗެލްސީ އޮތީ ޓޭބަލުގެ 30 ޕޮއިންޓާއެކު 13 ވަނާގަ އެވެ. ޔުނައިޓެޑް އޮތީ 41 ޕޮއިންޓާއެކު ފަސް ވަނާގަ އެވެ.