ބެން އެފްލެކް، 50، އާއި ޖެނިފާ ލޮޕޭޒް، 53، ބެވަލީ ހިލްސްއިން ގާތްގަނޑަކަށް 61 މިލިއަން ޑޮލަރުގެ ބޮޑު ގެއެއް ގަނެފި އެވެ.
މި ދެމަފިރިން މި ބޮޑު ގެ ގަނެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން އެކި ގެތައް ބެލުމަށްފަހު އެވެ.
ބެން އާއި ޖޭ ލޯގެ އާ ގޭގައި 12 ކޮޓަރިއާއި 24 ފާހާނާ ހުރުމުގެ އިތުރުން، ބޭރުގައި ވިނަ ހައްދާފައިވާ ގޯތިތެރޭގައި 155 ފޫޓުގެ އިންފިނިޓީ ޕޫލަކާއި 10 ކާރުގެ ގަރާޖެއް ހުރެ އެވެ. އަދި ބާސްކެޓްބޯޅަ އާއި އެހެނިހެން ކުޅިވަރު ކުޅެވޭނެ 5،000 އަކަ ފޫޓުގެ ވަކި ސްޕޯޓްސް ކޮމްޕްލެކްސްއެއް ޖީމްއަކާ އެކު ހުރެ އެވެ.
މި ބޮޑު ގޭގައި ހާއްސަ ސެކިއުރިޓީ ނިޒާމެއް ހުރުމުގެ އިތުރުން ގޭޓަޑް ކޮމިއުނިޓީއެއްގައި މި ގެ ހުރުމުން ރައްކާތެރިކަން އިތުރުވެ އެވެ.
މިދިޔަ ޖުލައި މަހު ކައިވެނި ކުރުމަށްފަހު، ބެން އާއި ޖޭ ލޯ ވަނީ އެހިސާބުގައި ހުރި އެމީހުންގެ އަމިއްލަ ގެތައް ވިއްކުމަށް ލިސްޓްކޮށްފަ އެވެ.
މިގޮތުން މިދިޔަ ފެބްރުވަރީ މަހު ބެލް އެއާގައި ހުންނަ ޖެނިފާގެ ގެ ވަނީ 42.5 މިލިއަން ޑޮލަރަށް ވިއްކަން ހުޅުވާލާފަ އެވެ. އަށް އޭކަރުގެ އެ ގޭގައި ނުވަ ކޮޓަރިއާއި 12 ފާހާނާގެ އިތުރުން ބެން އަދި ޖެނިފާގެ ފިލްމްތަކުގެ ޕޯސްޓަރުތައް ހިއްޕާފައި ހުރި ހޯމް ތިއޭޓަރެއް ހުރެ އެވެ.
ޕެސިފިކް ޕެލިސޭޑްސްގައި ބެންގެ ހުންނަ 13،500 އަކަ ފޫޓުގެ ގެ މިދިޔަ އޮގަސްޓްގައި 30 މިލިއަން ޑޮލަރަށް ވިއްކަން ލިސްޓްކޮށްފައިވެ އެވެ. އެ ގޭގައި ހަތް ކޮޓަރި އާއި ނުވަ ފާހާނާ ހުރެ އެވެ.
ބެން އާއި ޖޭ ލޯ އަކީ ކުރިންވެސް ލޯބީގެ ގޮތުން ގުޅި، އެންގޭޖްވި ދެ ލޯބިވެރިންނެވެ. ނަމަވެސް އޭރު ކައިވެންޏާ ހިސާބަކަށް ނުދިޔަ އެވެ. އޭގެ ފަހުން ދެމީހުން ވަނީ އެހެން މީހުންނާ ކައިވެނިކޮށް ދަރިންވެސް ހޯދާފަ އެވެ. އެގޮތުން ޖޭ ލޯ ލެޓިން ލަވަކިއުންތެރިޔާ މާކް އެންތަނީއާ ކައިވެނިކޮށް އެއްމާބަނޑު ދެ ކުދިން ލިބިފައިވާއިރު، ބެން ކައިވެނި ކުރީ އެކްޓްރަސް ޖެނިފާ ގާނާއާ އެވެ. އަދި އެ ކައިވެންޏަށް ތިން ކުދިން ލިބިފައިވެ އެވެ.