ފޮރިން މިނިސްޓްރީ

ގެމްބިއާއަށް ވިސާ ނުލާ ދެވޭގޮތް ހަމަޖައްސައިފި

ދިވެހި ރާއްޖެއާއި ގެމްބިއާއާއި ދެމެދު ވިސާއާ ނުލާ ދަތުރުކުރެވޭ ގޮތަށް އޮތް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖޭން ސައުދީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހަލީލް އެވެ. ގެމްބިއާ ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ސައުދީގައި ހުންނަވާ ގެމްބިއާ ސަފީރު އޮމާރް ގިބްރީލް ސަލާހު އެވެ.

ސައުދީގައި ހުންނަ ރާއްޖޭގެ އެމްބިސީގައި އޮތް މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަލީލް ވަނީ ރާއްޖެއާއި ގެމްބިއާ އާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފަ އެވެ.

ދެ ގައުމުގެ ދެމެދުގައި ސޮއި ކުރި ވިސާ އެއްބަސްވުމުގައިވާ ގޮތުން ދެ ގައުމުގެ ރައްޔިތުންނަށްވެސް އެއް ގައުމުން އަނެއް ގައުމަށް އެއްފަހަރު ނުވަތަ އެކިފަހަރުމަތިން ވިސާއާ ނުލާ 30 ދުވަހަށް ދަތުރުކުރެވޭނެ އެވެ.

ކުރިން ވިސާ ނެގުމަކާ ނުލައި 94 ގައުމަށް މިހާރު ދިވެހިންނަށް ދަތުރުކުރެވޭނެ އެވެ.