ބާސެލޯނާގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ސާޖިއޯ ބުސްކެޓްސް އާއި ބްރެޒިލްގެ ނޭމާ ސަންޓޯސް ގަތުމަށް މެންޗެސްޓާ ސިޓީން 150 މިލިއަން ހަރަދު ކުރަން ތައްޔާރުވެއްޖެ އެވެ.
މި ދެ ކުޅުންތެރިން ސިޓީ އަށް ގެނައުމަށް އެކުލަބުން މިހާބޮޑު ހޭދައެއް ކުރަން ނިންމީ ބާސެލޯނާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ އަންނަ ސީޒަނުގައި ސިޓީއާ ހަވާލުވުމަށްފަހު ޓީމަށް މި ދެ ކުޅުންތެރިން ގެންނަން ބޭނުންވުމުންނެވެ.
އަބޫދާބީގެ މަހުޖަނުން ހިންގާ ސިޓީން ނޭމާ ގަންނާނީ 100 މިލިއަން ޕައުންޑަށްވުރެ ބޮޑު އަގެއްދީފައި ކަމަށްވެ އެވެ. މިހެންވެއްޖެނަމަ ބްރެޒިލްގެ ކެޕްޓަން ވެގެންދާނީ ޓްރާންސްފާ މާކެޓުގައި 100 މިލިއަން ޕައުންޑަށް ކުލަބު ބަދަލު ކުރާ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.
ބުސްކެޓްސް އާއި ނޭމާ ބާސެލޯނާއާ އެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި ދެ އަހަރު އެބައޮތެވެ. މިހެންވެ މި ދެ ކުޅުންތެރިން އުފުރާލުން ފަސޭހަނުވާނެ އެވެ. ހާއްސަކޮށް ބުސްކެޓްސް އެވެ. އެއީ އޭނާ އަކީ ބާސެލޯނާގެ ޔޫތު ޓީމުން ތަމްރީނުވި ކުޅުންތެރިއަކަށްވެފައި މިހާރު ވެސް ޓީމުގެ އެންމެ މުހިންމު ޑިފެންސިވް މިޑްފީލްޑަރަށްވާތީ އެވެ. ނަމަވެސް ގާޑިއޯލާ އަކީ އޭނާ ފުރަތަމަ ޓީމަށް ގެނައި ކޯޗަށްވެފައި ދެ މީހުންގެ މެދުގައި އޮތް ގާތްގުޅުމަކީ ބުސްކެޓްސް ގެނައުމަށް ސިޓީ އަށް އޮތް ފުރުސަތެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
ނޭމާ ގެނައުމަށް ގާޑިއޯލާ ބޭނުންވީ ބާސެލޯނާގެ ވައިސް ކެޕްޓަން ލަޔޮނަލް މެސީ ލިބެން ނެތުމުންނެވެ. ބާސެލޯނާ ދޫކޮށް ގާޑިއޯލާ ބަޔާން މިއުނިކަށް ދިޔަ ފަހުން މި ދެ މީހުންގެ ގުޅުން އެހާ ރަނގަޅު ނޫން ކަމަށްވެ އެވެ. މިހެންވެ ނޭމާ ގެނައުމަށް ގާޑިއޯލާގެ ކަޅި އަމާޒުވިއިރު ނޭމާ އަކީ ގާޑިއޯލާގެ ބާސެލޯނާގައި ހުރި ދުވަސްވަރު ވެސް ފާރަލަމުންދިޔަ ކުޅުންތެރިއެކެވެ. އެކަމަކު އޭނާ އެ ޓީމަށް ގެންދިޔައީ ގާޑިއޯލާ ވަކިވި ފަހުންނެވެ.
ނޭމާ މިވަގުތު ހުރީ މެސީގެ ހިޔަނީގައި ކުޅެންޖެތީވެ މާޔޫސްވެފައި ކަމަށް ވެސް ބައެއް މީޑިޔާތަކުން ބުނެ އެވެ.
ޓީމަށް ގެންނާނެ އެހެން ކުޅުންތެރިން:
މި ކުޅުންތެރިންގެ އިތުރުން އެވަޓަންގެ ޒުވާން ޑިފެންޑަރު ޖޯން ސްޓޯން އާއި ޔުވެންޓަސްގެ ޕައުލް ޕޮގްބާ އަކީ ވެސް ސިޓީން ގެންދަން ބޭނުންވާ ކުޅުންތެރިންނެވެ. އަދި މި ދެ ކުޅުންތެރިންނަށް ރެއާލް މެޑްރިޑާއި ބާސެލޯނާ ވެސް އަންނަނީ ފާރަލަމުންނެވެ.
ގާޑިއޯލާ ސިޓީއާ ހަވާލުވުމުން ޔާޔާ ޓޯރޭ އާއި ޖީސަސް ނަވާސް އަދި ވިލްފްރެޑް ބޮނީ ބާކީވާނެ ކަމަށް ވެސް މީޑިޔާތަކުން ބުނެ އެވެ. މީގެ ތެރެއިން ޓޯރޭ އަކީ ގާޑިއޯލާގެ ދުވަސްވަރު ބާސެލޯނާއިން ވިއްކާލި ކުޅުންތެރިއެކެވެ.