ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތު ބަލަހައްޓަވާނެ މެންބަރަކު ނެތުމުން މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވެން ނެތް ކަމަށް ކަނޑައަޅައި މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށިއިރު މަޖިލީހުގެ ރިޔާސަތުގައި އެއްވެސް ބޭފުޅަކު ނެތެވެ. އެކަމަކު މަޖިލީހުގެ އަމީންއާންމު ވަނީ މަޖިލީހަށް ބަޔާނެއް އިއްވަވާފަ އެވެ.
މިބަޔާނުގައި ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މަޖިލީހުގެ ނައިބް ރައީސް އީވާގެ އިތުބާރު ނެތް މައްސަލައިގެ ގަރާރު ހުށަހެޅުމަށް އެޖެންޑާކޮށް މިޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިއްޔެގެ ވަގުތެއްގައި ސިޓީއަކުން ދެންނެވުނު ކަމަށެވެ.
ނަމަވެސް މަޖިލީހަށް އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއްވެސް ހުށަހަޅާފައިވާތީ އެ މައްސަލައިގައި މަޖިލީހުން ގޮތެއް ކަނޑައެޅުމުގެ ކުރިން މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް މަޖިލީހުގެ ރައީސް ނަޝީދުވެސް އިއްޔެގެ ވަގުތެއްގައި ސިޓީއަކުން ދެންނެވި ކަމަށެވެ.
"އެހެންކަމުން މިއަދުގެ މިޖަލްސާ ރިޔާސަތު ބެލެހެއްޓުމާ ގުޅޭގޮތުން ގޮތެއް ކަނޑަނޭޅެނީސް މިވަގުތު މިޖަލްސާ ކުރިއަށް ގެންދެވެން ނެތް ވާހަކަ އިއްޒަތްތެރި މެންބަރުންނަށް ދަންނަވާލަން،" އަމީންއާންމުގެ ބަޔާން ނިންމަވާލައްވަމުން ވިދާޅުވެފައިވެ އެވެ.
މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް ނެތް ހާލަތުގައި މަޖިލީހުގެ ރައީސް އަންގަވައިގެން މިހާތަނަށްވެސް މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް އެވެ.
އިދިކޮޅު މެންބަރުން ވިދާޅުވާ ގޮތުގައި މަޖިލިސް ހުއްޓިފައިވަނީ މައިގަނޑު ދެ ސަބަބަކާ ގުޅިގެންނެވެ. އެއީ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެއްވަގުތެއްގައި ހުށަހެޅުމާއި އެމްޑީޕީގެ 13 މަޖިލިސް މެންބަރަކު އެ ޕާޓީން ވަކިވެވަޑައިގަތުމާ ގުޅިގެން އަލުން ކޮމިޓީތައް އެކުލަވާލަންޖެހިފައިވުމެވެ.
އިދިކޮޅު މެންބަރުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މަޖިލިސް ކުރިއަށްދާނީ ރައީސް ނަޝީދު ނުވަތަ އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ތެރެއިން ކޮންމެވެސް އެއް މައްސަލައެއް އަނބުރާ ގެންދިއުމަށްފަހު އަލުން އާންމު ކޮމިޓީ އެކުލަވާލައިގެން ކަމަށެވެ.
ނަމަވެސް ސަރުކާރަށް ތާއީދުކުރައްވާ އެމްޑީޕީގެ މެންބަރުން ވިދާޅުވީ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެއްފަހަރާ މަޖިލީހަށް ހުށަހަޅައިގެން ދިމާވާ ގާނޫނީ މައްސަލައެއް ނޯންނާނެ ކަމަށެވެ. މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ މައްސަލަ ހުށަހެޅީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ މާކުރިން ކަމަށްވެސް އެމްޑީޕީގެ މެންބަރުން ވިދާޅުވި އެވެ. އެހެންކަމުން މަޖިލީހުގެ ރައީސް ރިޔާސަތުގައި އިންނަވައިގެން އީވާގެ މައްސަލަ ނިންމޭނެ ކަމަށާއި އެކަމުގައި ގާނޫނީ ހުރަހެއް ނެތް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ތިއްބެވި 13 މެންބަރަކު އެޕާޓީން އިސްތިއުފާ ދެއްވުމުން މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާލުމަށް ކުރަމުންދާ މަސައްކަތް މެދުކެނޑިފައިވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ދޫދޭންޖެހޭ ކަންކަމުގައި ދޫނުދޭތީ ކަމަށްވެސް އިދިކޮޅު މެންބަރުން އިއްޔެ ވިދާޅުވެފައިވެ އެވެ.
އިދިކޮޅު މެންބަރުންނަށް ރައްދުދެއްވާ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އިއްޔެ ވިދާޅުވީ އިދިކޮޅު މެންބަރުން ދައްކަވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
ބިގޭ ވިދާޅުވީ އެމްޑީޕީއަށް މާލިއްޔަތު ކޮމިޓީއާއި އިގްތިސާދީ ކޮމިޓީން ލިބޭ ބައެއް ސްލޮޓް ވެސް ދޫކޮށްލާފައިވާނެ ކަމަށާއި އެވެސް އިދިކޮޅު މެންބަރުން އެދޭ ގޮތްގޮތް ހަދައިގެން ނަމަވެސް މަޖިލިސް ކުރިއަށް ގެންދަން ބޭނުންވާތީ ދީފައިވާ ދުލެއް ކަމަށެވެ. އަދި އާންމު ކޮމިޓީގައި ހުރިހާ ޕާޓީތަކެއް ހިމެނުމަށް އިދިކޮޅު މެންބަރުން ހުށަހެޅުއްވުމާ ގުޅިގެން އެކަމަށްވެސް އެއްބަސްވެފައިވާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ގާނޫނުއަސާސީގައިވެސް އަދި މަޖިލީހުގެ ގަވައިދުގައިވެސް އާންމު ކޮމިޓީގައި ހުރިހާ މެންބަރުން ހިމަނަން ލާޒިމުކޮށްފައި ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.